ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ކްލަބު ވެމްކޯ އިން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ވެމްކޯ އިން ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުން މޮޅުވެގެންނެވެ. އެ މެޗުގައި ވެމްކޯ ނުކުތީ ކްލަބު އާބަންކޯއާ ދެކޮޅަށެވެ.
ސެމީގައި ރޭ ކުޅުނު މެޗުގައި އާބަންކޯގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު 25-21 އިން ވެމްކޯ ގެންގޮސްފައިވަނިކޮށް، އާބަންކޯއިން ވަނީ 19-25 އިން ދެވަނަ ސެޓު ގެންގޮސްފައެވެ.
މެޗުގެ ތިންވަނަ ސެޓު ވެމްކޯއިން 27-25 އިން ގެންދިޔައިރު، އާބަންކޯއިން ހަތަރުވަނަ ސެޓު ގެންދިޔައީ 21-25 އިންނެވެ. އަދި ވެމްކޯއިން މެޗު ގެންދިޔައީ ފަހު ސެޓު 15-12 އިން ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)އެވެ.
އެ މުބާރާތުގެ ފައިނަލުގައި ވެމްކޯއާ ދެކޮޅަށް ނުކުންނާނީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ސެމީގައި އާބަންކޯ ބަލިކުރި ސިޓީ ސްޕޯޓްސް ކްލަބެވެ.
އެ ސެމީގެ މެޗުގައި އާބަންކޯގެ މައްޗަށް ސިޓީ ސްޕޯޓްސް ކްލަބު މޮޅުވީ 3-1 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު 28-30 އިން ސިޓީ ސްޕޯޓްސް ކްލަބު ގެންދިޔަ އިރު، ދެވަނަ ސެޓު 25-22 އިން ގެންދިޔައީ އާބަންކޯ އިންނެވެ. އަދި މެޗުގެ ފަހު ދެ ސެޓު ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔައީ 15-25 އަދި 20-25 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އޮމާބެކް ޒުނުސޯވްއެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވެމްކޯއާއި ސިޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރާނީ މާދަމާ ރޭ 8:15 ގައެވެ.