ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން، މެޑިކަލް ޗެކަޕް ހެދުން އަނެއްކާވެސް ލާޒިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މީގެ ފަހުން ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން ހެލްތު މިނިސްޓްރީން ކަނޑައަޅާ ތަނަކުން މެޑިކަލް ޗެކަޕް ހަދަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭގެ ތެރޭގައި ޑިޕެންޓެންޓް ވިސާގައިއާއި ވޯކް ވިސާގައިއާއި ރެޒިޓެންޑް ވިސާގައިއާއި ސްޓޫޑެންޓް ވިސާގައިއާއި ކޯޕަރޭޓް ވިސާގައިއާއި މެރިޖް ވިސާގައި އަންނަ ހުރިހާ ބިދޭސީން ރާއްޖެ އަންނަ އިރު އޮން އެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހެދުން މިހާރު ލާޒިމުކޮށްފައިވާ ކަމަށެވެ.
"އަދި ހަމައެއާއެކު މަތީގައި ބަޔާންކޮށްފައިވާ ވިސާއެއްގައި ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ވޭތުވެދިޔަ އެއް އަަހަރު ރާއްޖޭގައި މެޑިކަލް ޗެކަޕް ހައްދައިފައި ނުވާ ފަރާތްތަކުން ހަ މަސް ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދައި ނިންމުން،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެސް މެޑިކަލް ޗެކަޕް ހެއްދުން ލާޒިމުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ އައުމަށް ފަހު މެޑިކަލް ޗެކަޕް ހެދުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަކުރުމަށް ނިންމާފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
"އަދި ޚާއްޞަކޮށް އެންޑެމިކް ސަރަހައްދުތަކުން އަންނަ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ވިސާގައި ތިބޭ ފަރާތްތަކުން ވިސާ އެކްސްޓެންޑް ކުރާ ނަމަވެސް ވިސާ އާ ކުރުމުގެ ކުރިން މެޑިކަލް ހަދަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް މިހާރު ފެނިފައިވުމުން، އެކަމާ ގުޅޭ ގޮތުން ވެސް އިއްޔެ ކެބިނެޓުން މަޝްވަރާ ކުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިހާރު މެޑިކަލް ޗެކަޕްގެ ތެރޭގައި ހިމެނޭ ޓެސްޓުތަކުގެ ތެރެއަށް އެ ވަގުތެއްގެ ހާލަތަށް ރިއާޔަތްކޮށް މިނިސްޓްރީ އޮފް ހެލްތުން ފެނިވަޑައިގަންނަވާ ޓެސްޓުތައް އިތުރުކުރުން އެއީ މިނިސްޓްރީ އޮފް ހެލްތާ ހަވާލުކުރެވިފައިވާ ޒިންމާއެއްގެ ގޮތުގައި އިއްޔެ ވަނީ ނިންމަވާފަ،" އޭނާ ވިދާޅުވިއެވެ.
މިހާރު ވެސް ބިދޭސީން ރާއްޖެ އެތެރެވާއިރު މެޑިކަލް ހެދުމާ ގުޅޭ ގޮތުން އުސޫލެއް އޮވެއެވެ. ނަމަވެސް މެޑިކަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީން އަންގައިފިނަމަ ނުވަތަ ބޭނުންވެއްޖެ ނަމައެވެ.
މީގެ ކުރިން ވޯކްޕާމިޓަށް ހުށަހަޅައިގެން ރާއްޖެ އެތެރެވާ ބިދޭސީއަކަށް ވިސާ ޖަހައިދިނުމުގެ ކުރިން މެޑިކަލް ހުށަހެޅުމަކީ މަޖުބޫރު ކަމެކެވެ. ވިސާ ލިބޭނީ މެޑިކަލުން ފާސްވުމުންނެވެ. ނަމަވެސް ކޮވިޑު19އާ ގުޅިގެން ދިން ބައެއް ލުއިތަކާއެކު އެ އުސޫލަށް އަމަލުކުރުމުގައި ލުއިތަކެއް ދިނީއެވެ.
ރާއްޖެއިން ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ 14 ވަނަ ދުވަހު ފެނުމާ ގުޅިގެން، ބިދޭސީންގެ މެޑިކަލް ޗެކަޕް މަޖުބޫރު ނުކުރާ މައްސަލައާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެޗްޕީއޭއާއި އެހެން އިދާރާތަކާއި ޖަމްއިއްޔާތަށް ގުޅިގެން ވެސް މިހާރު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން މިހާތަނަށް 32 ބިދޭސީން ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. އެއީ ކުޅުދުއްފުށި ސިޓީން 25 މީހުންނާއި މާލެ ސަރަހައްދުން ހަތް މީހެކެވެ.
އެ ބައްޔަށް ކުޅުދުއްފުށިން 155 ދިވެހިން ޓެސްޓުކޮށްފައިވީ ނަމަވެސް، އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައިނުވެއެވެ.