ވޮލީ އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2022ގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ސިޓީ ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ސިޓީ ސްޕޯޓްސް ކްލަބުން ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުން މޮޅުވެގެންނެވެ.

އެ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބު ނުކުތީ ކްލަބު އާބަންކޯއާ ދެކޮޅަށެވެ.

ރޭ ކުޅުނު ސެމީގެ މެޗުގައި އާބަންކޯގެ މައްޗަށް ސިޓީ ސްޕޯޓްސް ކްލަބުން ކުރި ހޯދާފައިވަނީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަަމަ ސެޓު 28-30 އިން ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔަ ނަމަވެސް، އާބަންކޯ އިން ވަނީ ދެވަނަ ސެޓު 25-22 އިން ގެންގޮސްފައެވެ.

އަދި މެޗުގެ ފަހު ދެ ސެޓު ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔައީ 15-25 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އޮމާބެކް ޒުނުސޯވްއެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީގެ މެޗުގައި ކްލަބު ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބު ސިޓީ ބަލިކޮށްފައެވެ. ވެމްކޯ އިން މެޗުގެ ސެޓުތައް ގެންދިޔައީ 25-22، 25-20 އަދި 25-19 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޑިއޭގޯ މަތެއުސް ކަވަލްކަންޓޭ ޑޮސް ސަންޓޯސްއެވެ.

comment ކޮމެންޓް