ފައިސާގެ އިނާމާއެކު މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މުޅި މުބާރާތުން އެއް ވަނަ ދިޔަ ކުރެހުން-- ފޮޓޯ/މަޖިލީސް

މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ މިއަދު ފާޅުކޮށްފިއެވެ.

މި މުބާރާތުގެ ނަތިޖާ ފާޅުކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުރެހުމުގެ މުބާރާތުން ވަނަ ހޯދި ބައިވެރިންނަށް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގެ ތީމްއަކީ "ޑިމޮކްރަސީއަށް – ދިވެހިންގެ ދަތުރު" އެވެ. އެގޮތުން، މި އަހަރު މި މުބާރާތަށް 70 ފަރާތަކުން ކުރެހުން ހުށަހަޅާފައި ވެއެވެ.

އެގޮތުން، މި މުބާރާތުގެ މުޅި މުބާރާތުން އެއް ވަނައަށް ހޮވިފައިވަނީ ޢާއިޝަތު އީޝާލް ޢަލީ ހުށަހެޅި ކުރެހުމެވެ. އޭނާއަށް 7،000 ރުފިޔާވަނީ ދީފައެވެ.

އަދި، މުޅި މުބާރާތުން ދެ ވަނައަށް ހޮވިފައިވަނީ އަޙުމަދު އަތޫފް އަލީ ހުށަހެޅި ކުރެހުމެވެ. އޭނާއަށް 5،500 ރުފިޔާވަނީ ދީފައެވެ.

މުޅި މުބާރާތުން ދެ ވަނައަށް ދިޔަ ކުރެހުން-- ފޮޓޯ/މަޖިލީސް

މީގެއިތުރުން، މުޅި މުބާރާތުން ތިން ވަނައަށް ހޮވިފައިވަނީ ރާހީ އަޙްމަދު ސަޢީދު ހުށަހެޅި ކުރެހުމެވެ. އޭނާއަށް 4،000 ރުފިޔާ ދީފައިވެއެވެ.

މުޅި މުބާރާތުން ތިން ވަނަޢަށް ދިޔަ ކުރެހުން-- ފޮޓޯ/މަޖިލީސް

މި މުބާރާތުގައި ވަކި ވަކި އުމުރުފުރާއިން ވެސްވަނީ ވަނަ ހޮވައިފައެވެ.

އެގޮތުން، 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާއިން ވަނަ ހޮވައިފައިވެއެވެ.

އެއް ވަނައަށް ދިޔައީ މުޅި މުބާރާތުގެ އެއްވަނަ ހާސިލްކުރި ޢާއިޝަތު އީޝާލް ޢަލީ ހުށަހެޅި ކުރެހުމެވެ. މި އުމުރު ފުރާއިން ދެ ވަނައަށް ހޮވިފައިވަނީ ވެސް މުޅި މުބާރާތުން ދެވަނަ ހާސިލްކުރި އަޙުމަދު އަތޫފް އަލީ ހުށަހެޅި ކުރެހުމެވެ. އަދި ތިން ވަނައަށް ހޮވިފައިވަނީ ރާހީ އަޙްމަދު ސަޢީދު ހުށަހެޅި ކުރެހުމެވެ.

މުބާރާތުގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއިން އެއްވަނައަށް އާއިޝަތު އަމްނާ އަލީ ހުށަހެޅި ކުރެހުން ހޮވިފައިވާއިރު ދެ ވަނައަށް ހޮވިފައިވަނީ އިބްރާހީމް މިމްޝަލް މުޙައްމަދު ހުށަހެޅި ކުރެހުމެވެ. އަދި، ތިން ވަނައަށް ހޮވިފައިވަނީ އާފިޔާ މުޙައްމަދު ހުށަހެޅި ކުރެހުމެވެ.

ކޮންމެ އުމުރުފުރާއަކުން އެއްވަނަ ކުރެެހުމަށް 3،000 ރުފިޔާ ދީފައިވާއިރު ދެވަނަ ކުރެހުމަށް 2،000 ރުފިޔާ ދީފައިވެއެވެ. އަދި ތިންވަނައަށް ދިޔަ ކުރެހުމަށް 1،500 ރުފިޔާ ދީފައިިވެއެވެ.

comment ކޮމެންޓް