ޕޮލިސް ބޯޑުން ލަފާދިނީ ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު--- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ޕޮލިސް ކޮމިޝަނަރަކަށް އެސިސްޓަންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އައްޔަންކުރަން، ޕޮލިސް ބޯޑުން މިއަދު ލަފާދީފިއެވެ.

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި އޭސީޕީ ޝުޖާއާއި އޭސީޕީ އިސްމާއިލް ނަވީނެވެ.

އެ ދުވަހު، ދެ ބޭފުޅުންގެ ނަން މިނިސްޓްރީން ވަނީ ޕޮލިސް ބޯޑަށް ފޮނުވައިފައެވެ.

އެހެންވެ، މިއަދު ޕޮލިސް ބޯޑުން މިނިސްޓަރު އަލީ އިހުސާނަށް ލަފާ އަރުވާފައިވަނީ އޭސީޕީ ޝުޖާއު ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަނުކުރުމަށްކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވެއެވެ. ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް އާންމުކޮށް ހުޅުވައިލުމަށް ފަހު 90 ދުވަސް ދޭން ޖެހޭއިރު ކުރިމަތިލާ ފަރާތަކީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށްވާން ޖެހެއެވެ.

އަދި، ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށަހަޅާ ނަންތައް ވަޒަންކުރުމަށް ފަހު ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެހެންވެ، ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަބްދުލް މަންނާނު ޔޫސުފެވެ.

އެއަށް ފަހު މަންނާނު ރިޓަޔާ ކުރެއްވުމުން ދެން އެ މަގާމާ ހަވާލުވީ މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

comment ކޮމެންޓް