އަޖޭއާއި ރޯހިތު ފިލްމީ ދާއިރާއާ މެދު ދެކޭގޮތް ވަރަށް ތަފާތު

އަޖޭ ދޭވްގަން އަދި ރޯހިތު ޝެޓީ -- ފޮޓޯ/ ޓެލެގްރާފް އިންޑިއާ

ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު އެކްޓަރު އަޖޭ ދޭވްގަންއާއި ދެވަނައެއް ނެތް ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީ ދާދި ފަހުން ބައިވެރިވި ޓޯކް ޝޯވް "ކޮފީ ވިތު ކަރަން"ގައި ފިލްމީ ދާއިރާ އަދި ދެ މީހުންގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

އަޖޭ ދޭވްގަން އާއި ޑައިރެކްޓަރު ރޯހިތު ޝެޓީގެ އެކުވެރިކަން ފެށުނީ ފިލްމު "ގޯލް މާލް"ގެ ސިލްސިލާ ފިލްމުތަކުން ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނަސް އެއީ މުޅިން ކުށްހީއެކެވެ. އަޖޭ ބޮލީވުޑަށް ތަޢާރަފުވި ފިލްމު "ޕޫލް އޯރް ކާންޓޭ" ރިލީޒް ކުރި ދުވަސްވަރުން ފެށިގެން ރޯހިތާއި އަޖޭއަކީ ވަރަށް ގާތް ދެ ރަޙްމަތްތެރިން ކަމަށް މި ޝޯވްގައި ވަނީ ބުނެފައެވެ.

އަޖޭއާއި ރޯހިތުގެ ފިލްމީ ކެރިއަރުގައި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާއިރު ދެ މީހުންނަކީ ވެސް ވަރަށް އާދައިގެ އާއިލާއަކުން ފިލްމީ ދުނިޔެއަށް ތައާރަފުވި ދެ މީހުން ކަމަށާއި 33 އަހަރު ވަންދެން ގާތް އެކުވެރިންގެ ގޮތުގައި ދެމި ތިބެވުމުގެ ސިއްރަކީ ވެސް އެއީ ކަމަށް އަޖޭއާއި ރޯހިތު ވަނީ ބުނެފައެވެ.

އަޖޭގެ ބައްޕަ ވީރޫ ދޭވްގަން އަކީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށާއި ފިލްމުތަކުގައި އެކްޝަން ކޮރިއަގްރާފަރަކަށްވުމުގެ ކުރިން ބައްޕަ އަކީ ކާޕެންޓަރެއް ކަމަށް އަޖޭ ވަނީ ބުނެފައެވެ. ހަމައެގޮތަށް ރޯހިތުގެ ބައްޕަ ވެސް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން މަސައްކަތް ކުރީ ވެއިޓަރެއްގެ ގޮތުގައި ކަމަށާއި އަޖޭ އާއި ރޯހިތު ޤަބޫލުކުރާ ގޮތުގައި މައިންބަފައިން އޭރު ކުރި ބުރަ މަސައްކަތުން ނޫންނަމަ ދެ މީހުން ވެސް ފިލްމީ ދާއިރާއިން ނުފެންނާނެއެވެ. މިހާރަކަށް އައިސް ބަޔަކު މީހުން ނެޕޮޓިޒަމްގެ ވާހަކަ ވަރަށް ގަދަޔަށް ދައްކަމުން ދިޔަ ނަމަވެސް އަޖޭއާއި ރޯހިތު އަކީ ވަރަށް އާދައިގެ އާއިލާއަކުން ފިލްމީ ދާއިރާއަށް ނުކުމެ ކެރިއަރު ދެމެހެއްޓުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރި ދެ މީހުން ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ސިންގްހަމް3"ގެ މަންޒަރެއް-- ފޮޓޯ/ އިންޓަނެޓް

އެހެން ނަމަވެސް އެކަން އެނގޭ އަދި ގަބޫލުކުރަން ބޭނުން ނުވާ މީހުން އުޅޭ ކަމަށާއި އެކަމާ ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަމަށް އަޖޭ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި ވާދަވެރިކަން ބޮޑުވެފައިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ހަޤީޤީ އެކުވެރިކަން ފިލްމީ ތަރިންގެ މެދުގައި ނެތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ދެ ފަންނާނުން ވެސް ވަނީ އެއްބަސްވެފައެވެ. ޑިޒްނީ ހޮޓް ސްޓާއިން ސްޓްރީމްކުރަން ފަށާފައިވާ މި އެޕިސޯޑުގައި އަޖޭ ވަނީ އަންހެން ދަރިފުޅު ނައިސާ ދޭވްގަން ފިލްމީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް އަދި ނެތް ކަމަށާ ފަހުން އެ ޚިޔާލު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.

ރޯހިތުގެ ފިރިހެން ދަރިފުޅު ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކަމަށާއި ނަމަވެސް ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުންނަން ކުރި ހަމައެކަނި ޝަރުތަކީ އަމިއްލަ މަސައްކަތުން އެކަން ކާމިޔާބު ކުރުމަށް ކަމަށް ރޯހިތު ވަނީ ބުނެފައެވެ. އަޖޭ އާއި ރޯހިތު އަންނަނީ ފިލްމު "ސިންގްހަމް3"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ކުރިޔަށް އޮތް އަހަރުގެ އޮގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ.

comment ކޮމެންޓް