އަންހެން ޑިވިޝަންގެ ފައިނަލަށް ޕޮލިހާއި ވެމްކޯ

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2022ގެ އަންހެން ޑިވިޝަންގެ މެޗެއް ކުރިއަށްދަނީ -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ޕޮލިސް ކްލަބާއި ކްލަބު ވެމްކޯއިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ އެ މުބާރާތުގެ ފައިނަލުން ޕޮލިހާއި ވެމްކޯއިން ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ. ސެމީގައި ޕޮލިހުން ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއާ ދެކޮޅަށް ނުކުތް އިރު، ވެމްކޯ ނުކުތީ އަލްމާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީގެ މެޗުގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-8، 25-13 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގައި ރޭ ކުޅުނު ސެމީގެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވެމްކޯއިން ވަނީ 3-1 ސެޓުން އަލްމާ ސްޕޯޓްސް ބަލިކޮށްފައެވެ. ފުރަތަަމަ ސެޓު 25-23އިން އަލްމާ ސްޕޯޓްސް ގެންދިޔަ ނަމަވެސް، ވެމްކޯއިން ވަނީ ފަހު ތިން ސެޓު 24-26, 23-25 އަދި 20-25އިން ގެންގޮސްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޖެސިކާ ސޯރެސް ދާސް ނެވޭސްއެވެ.

އެ މުބާރާތުގެ ފައިނަލުގައި ޕޮލިހާއި ވެމްކޯ ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:15 ގައެވެ. އެ މެޗުގެ ކުރިން އެ ދުވަހުގެ ހަވީރު 4:15ގައި ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި އަލްމާ ސްޕޯޓްސް ކްލަބެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މި ފަހަރު 12 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް