ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ

ހުޅުމާލެ މޫދު ކައިރީގައި މީހަކު އިށީނދެގެން: ހުޅުމާލެއިން ވަނީ ފައިލޭރިއާ ހުރި ބިދޭސީއެއް ފެނިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭއިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ މައިގްރެންޓް ފެޔާގައި ބިދޭސީ 13 މަސައްކަތްތެރިން ޓެސްޓުކުރިއިރު އޭގެ ތެރެއިން އެކަކު ފައިލޭރިއާއަށް ޕޮޒިޓިވްވި ކަމަށާއި ބާކީ މީހުން ނެގެޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއީން ބުނީ މިހާރު އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 26އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނޭ ކަމަށެވެ.

ބާކީ 25 މީހުން ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށި ސިޓީންނެވެ.

އެޗްޕީއޭއިން ބުނީ ކުޅުދުއްފުށިން މިހާތަނަށް 439 ބިސޭސީ މަސައްކަތްތެރިން ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 414 މީހަކު ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި 25 މީހުންނަށް ވެސް މިހާރު ބޭސް ދީފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.

comment ކޮމެންޓް