ނިޔަފަތި ފަސޭހައިން ބިންދައިގެން ދިއުމާއި، ކުލަ ބަދަލުވުން ފަދަ ކުދިކުދި ބަދަލުތަކަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިޝަން ނުވަތަ ކާނާގެ ބައިތައް މަދުވުމާއި، ސިއްހީ ބޮޑެތި ބަލިތަކުގެ ކުރީގެ އަލާމާތްތަކަށް ވެދާނެ ކަމަށް މާހިރުން ބަޔާންކުރައްވައެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ނިޔަފަތިތަކަށް ސަމާލުކަން ދެނީ ނިޔަފަތި ބިންދައިގެން ދިއުމުން ނުވަތަ އޭގެ އޮފުކަން ކެނޑުމުންނެވެ. ނަމަވެސް، ނިޔަފަތީގެ ކުލައާއި، ބައްޓަމާއި، އަދި އޭގެ އޮމާންކަމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ރީތިކަމާ ގުޅުންހުރި ކަންކަމަށްވުރެ ބޮޑަށް، ހަށިގަނޑުގެ އެތެރޭގެ ދުޅަހެޔޮކަން އަންގައިދޭ މުހިންމު މެސެޖުތަކެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ކާނާގެ ބައިތައް މަދުވުމުން ފެށިގެން ދާއިމީ ބަލިތަކާ ހަމައަށް، ނިޔަފަތިން ފެންނަ ކުދިކުދި ބަދަލުތަކަކީ ހަށިގަނޑަށް ފަރުވާ ބޭނުންވާކަމުގެ ކުރީގެ އިންޒާރުތަކަކަށް ވެދާނެތީ، މިކަންކަމަށް ފަރުވާކުޑަނުކޮށް ސަމާލުވުން މުހިންމެވެ.
ކެއާ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ފިޒީޝަން ޑރ. އެމްއޭ މުގްސިތު ގާދިރީ ފާހަގަކުރައްވާ ގޮތުގައި، ކުރިއާ އަޅާބަލާއިރު ނިޔަފަތީގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ.

ނިޔަފަތިތަކަށް އަންނަ ބަދަލުތަކަކީ، ހަށިގަނޑުގައި ކާނާގެ ބައިތައް މަދުވުން، އިންފެކްޝަން، ނުވަތަ މުޅި ހަށިގަނޑަށް އަސަރުކުރާ ފަދަ ބައްޔެއްގެ ނިޝާނަކަށްވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންސްޓަގްރާމް
މީގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން އޭނާ ވިދާޅުވީ، ފަންގަލް އިންފެކްޝަންތަކުގެ އިތުރުން، ދިރިއުޅުމުގެ އާދަކާދައަށް އަންނަ ބަދަލުތަކާއި، ގަވާއިދުން ނިޔަފަތީގައި ކެމިކަލް ބޭނުންކުރުމާއި، ގިނަގިނައިން އަތްދޮވުމާއި، ހަކުރުބައްޔާއި، އެކަށީގެންވާ މިންވަރަށް ކާނާ ނުލިބުމާއި، އަދި ނަފްސާނީ ބުރަބޮޑުވުން ނުވަތަ ސްޓްރެސްގެ ސަބަބުން ވެސް ނިޔަފަތީގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.
ނިޔަފަތީގެ ބައެއް ބަދަލުތަކަކީ އާދައިގެ ކަންކަން ކަމަށް ބަލައި ދޫކޮށްލެވުނު ނަމަވެސް، ބައެއް ނިޝާންތަކަކީ ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އެޕޯލޯ ހޮސްޕިޓަލްގެ ހަމުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރު، ޑރ. ސްވަޕްނާ ކުންދޫރު ވިދާޅުވީ، ނިޔަފަތީގެ ކުލަ ބަދަލުވުން، ބޯވުން، ފަސޭހައިން ބިންދައިގެން ދިއުން، ފުން ރޮނގުތައް އެޅުން، ސަމުސަލެއްގެ ބައްޓަމަށް ބަދަލުވުން، ނިޔަފަތީގެ ކޮޅު ފުފި ބޮޑުވުން ނުވަތަ މަހާ ނިޔަފަތި ވަކިވުން ފަދަ ކަންކަމަށް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށެވެ.
މިފަދަ ދާއިމީ ބަދަލުތަކަކީ ހަށިގަނޑުގައި ކާނާގެ ބައިތައް މަދުވުން، އިންފެކްޝަން، ނުވަތަ މުޅި ހަށިގަނޑަށް އަސަރުކުރާ ފަދަ ބައްޔެއްގެ ނިޝާނަކަށް ވެދާނެތީ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ނިޔަފަތި ރީނދޫވުން ނުވަތަ ބޯވުމަކީ ހަމައެކަނި ރީތިކަމާ ގުޅުންހުރި ކަމެއް ނޫނެވެ. ޑރ. މުގްސިތު ވިދާޅުވި ގޮތުގައި، ނިޔަފަތި ރީނދޫވެ، ބޯވުމަކީ ގިނަފަހަރަށް ފަންގަލް އިންފެކްޝަނެއްގެ އަލާމާތެކެވެ. ނަމަވެސް، މިއީ ހަމުގެ ބައްޔެއް ކަމަށްވާ ސޮރައިއަސިސް، ހަކުރުބަލި، ތައިރޮއިޑް މައްސަލަތައް، ނުވަތަ ލޭ ދައުރުވުން ދަށްވުމުގެ ސަބަބުން ވެސް ދިމާވެދާނެ ކަމެކެވެ.
މިކަން ދެނެގަތުމަށްޓަކައި، ނިޔަފަތީގައި ކުދިކުދި ވަޅުގަނޑު ހެދުން، ތަދުވުން، ނުވަތަ ނިޔަފަތި ކައިރީގައި ހަންގަނޑު ދުޅަވުން ފަދަ އިތުރު އަލާމާތްތަކަށް ބަލަންޖެހެއެވެ.

ނިޔަފަތީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުވުމާއި، ގަވާއިދުން ނިޔަފަތި ކެނޑުމާއި އަދި މޮއިސްޗަރައިޒާ ބޭނުންކުރުމަކީ މުހިއްމުކަމެއް--ފޮޓޯ/އިންސްޓަގްރާމް
ބައެއް ކަހަލަ ޚާއްސަ ބަދަލުތަކާއި ބަލިތަކާ ހުރި ގުޅުން ބަޔާންކުރައްވަމުން ޑރ. ސްވަޕްނާ ވިދާޅުވީ، ނިޔަފަތި ސަމުސާ ބައްޓަމަށް ހުރުމަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވެ ލޭމަދުވުމުގެ ނިޝާނެއް ކަމަށެވެ.
ފަސޭހައިން ބިންދައިގެންދާ ނިޔަފަތިތަކަކީ ތައިރޮއިޑް މައްސަލަތަކާ ގުޅުންހުރި ކަމެކެވެ. ނިޔަފަތީގެ ކޮޅު ފުފި ބޮޑުވުމަކީ ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔެއްގެ ނިޝާނަކަށް ވެދާނެއިރު، ނިޔަފަތި ފަނޑުވުން ނުވަތަ ހުދުވުމަކީ ފުރަމޭ ނުވަތަ ގުރުދާގެ މައްސަލައެއް ހުރިކަން އަންގައިދޭ ކަމަކަށް ވެދާނެކަމަށް އޭނާ ވިދާޅުވެއެވެ.
ދިރިއުޅުމުގެ އާދަކާދަތަކަކީ ވެސް ނިޔަފަތީގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ. ނިޔަފަތި ކެއުމަކީ ނިޔަފަތީގެ އިތުރުން ވަށައިގެންވާ ހަންގަނޑަށް ގެއްލުންވެ، އިންފެކްޝަންތަކަށް މަގުފަހިވާ ކަމެކެވެ. އަދި ގަވާއިދުން ނިޔަފަތީގައި ކުލަ ޖެއްސުމާއި، ޖެލް ނިޔަފަތި ޖެހުމާއި، ބާރުގަދަ ކެމިކަލް އެކުލެވޭ ރިމޫވަރު ބޭނުންކުރުމަކީ ވަގުތު ފާއިތުވަމުންދާ ވަރަކަށް ނިޔަފަތި ބަލިކޮށް، ހިކޭ ކަމެކެވެ.
މީގެ އިތުރުން، ގިނަވަގުތު ފެނުގެ ތެރޭގައި އަތް ބޭއްވުމަކީ ނިޔަފަތި މަޑުވެ، ބިންދައިގެން ދިއުމަށާއި ފަންގަލް އިންފެކްޝަންތަކަށް ފުރުސަތު ބޮޑުވާ ކަމެކެވެ.
އާދައިގެ ކުދިކުދި މައްސަލަތަކަށް ގޭގައި ކުރާ ފަރުވާއިން ލުއި ލިބުނު ނަމަވެސް، ދާއިމީކޮށް ފެންނަ ބަދަލުތަކަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ނިޔަފަތީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުވުމާއި، ގަވާއިދުން ނިޔަފަތި ކެނޑުމާއި، މޮއިސްޗަރައިޒާ ބޭނުންކުރުމާއި، ޕްރޮޓީން އަދި ދަގަނޑުގެ ބައި ގިނަ ކާނާ ހިމެނޭ ބެލެންސްޑް ޑައިޓެއް ގެންގުޅުން މުހިންމެވެ.
ނިޔަފަތީގެ ބަދަލުތައް ދެތިން ހަފުތާ އަށްވުރެ ގިނަދުވަސްވާނަމަ، ނުވަތަ ތަދުވެ ލޭ އަންނަަނަމަ، ލަސްނުކޮށް ހަމުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ނިޔަފަތީގެ ކުޑަ ބަދަލަކީ އަބަދު ސީރިއަސް ބައްޔެއްގެ ނިޝާނަކަށް ނުވެދާނެއެވެ. ނަމަވެސް، އާދަޔާ ޚިލާފު ބަދަލުތަކަށް ސަމާލުކަން ދިނުމަކީ، ހަށިގަނޑަށް ބޭނުންވާ ފަރުވާ ނުވަތަ އަޅާލުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.