ވިހެއުމަށްފަހު މައިންނަށް ކުރިމަތިވާ ނަފުސާނީ ނުތަނަވަސްކަން: އެހީތެރިވެވިދާނެ ގޮތްތަކަކީ ކޮބާ؟

އަލަށް ވިހައިގެން އުޅޭ މަންމައިންގެ ތެރެއިން 50-80 އިންސައްތައާއި ދެމެދުގެ އަންހެނުންނަށް ބޭބީސް ބްލޫސް ކުރިމަތިވާކަމަށް ދިރާސާތައް ދައްކާ--ފޮޓޯ/އީއެމްސީ

މަޔަކަށްވުމަކީ އުފާވެރި އިހުސާސްތަކެއް ކުރެވޭނެ ކަމެކެވެ. ނަމަވެސް، ދަރިފުޅު ވިހެއުމަށްފަހު އެއްވެސް ސަބަބަކާ ނުލައި މާޔޫސްވުމާއި، ބިރުގަތުމާއި، އަވަހަށް ރުޅިއައުމާއި ގިނަގިނައިން ރޮވޭ ގޮތް ވުމަކީ ވަރަށް ގިނަ މައިން ތަޖުރިބާ ކުރާ އިހުސާސްތަކެކެވެ.

އަމިއްލައަށް ނުވަތަ ތިބާގެ ގާތް މީހަކު މިފަދަ ކަންތައްތަކެއް ތަޖުރިބާކުރަމުންދާނަމަ، އެއީ ވަރަށް ގިނަ މައިންނަށް ދިމާވާ ކަމެއްކަން ދަންނާށެވެ. މި ހާލަތަށް ކިޔަނީ "ބޭބީ ބްލޫސް"އެވެ. މިއީ ޝުކުރުވެރި ނުވުމެއް ނުވަތަ މަންމައެއްގެ ޒިންމާ އުފުލަން ތައްޔާރު ނުވުމެއް ނޫނެވެ.

އީއެމްސީ ގްރަހާ ކެޑޯޔާ ހޮސްޕިޓަލްގެ ސައިކޮލޮޖިސްޓް، ހެލީނާ ކްރިސްޓީނާ ލެމަން ވިދާޅުވެފައިވާ ގޮތުގައި ބޭބީ ބްލޫސް އަކީ ވިހާ ގާތްގަނޑަކަށް 80 ޕަސެންޓް މައިންނަށް ކުރިމަތިވާ، ހަގީގީ ނަފްސާނީ ބަދަލުތަކެކެވެ. މިއީ "ޕޯސްޓްޕާޓަމް ޑިޕްރެޝަން" (ވިހެއުމަށްފަހު ކުރިމަތިވާ ބޮޑު މާޔޫސްކަން)އަށް ބަދަލުވުމުގެ ކުރިން، އޭގެ އަލާމާތްތައް ދެނެގަނެ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ބޭބީ ބްލޫސްގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ވިހާތާ ދެވަނަ ނުވަތަ ތިންވަނަ ދުވަހުއެވެ. އަދި ގާތްގަނޑަކަށް ދެ ހަފުތާއަށް މިކަން ދެމިގެންދެއެވެ.

ބޭބީ ބްލޫސްއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ފިރިމީހާ ނުވަތަ ގާތް މީހަކާ އިހުސާސްތައް ހިއްސާކުރުން އަދި ދަރިފުޅުގެ ކަންކަމުގައި އެހެންމީހުންގެ ފަރާތުން އެހީތެރިކަން ހޯދުން ހިމެނޭ--ފޮޓޯ/އީއެމްސީ

އަލަށް މަންމައަކަށްވާ މީހުންނަށް ދިމާވާ ބޭބީ ބްލޫސްގެ އަލާމާތްތަކުގެތެރޭ

- މިޒާޖަށް އަންނަ ކުއްލި ބަދަލުތައް: (އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ދެރަވުމާއި، ހާސްވުމާއި ނުތަނަވަސްވުން)

- އަވަހަށް ރުޅިއައުން: (ކެތްތެރިކަން ކުޑަވެ، ފިރިމީހާ ނުވަތަ އާއިލާގެ މެންބަރުންދެކެ ފަސޭހައިން ރުޅިއާދެވުން)

- ގިނައިން ރޮވުން: (ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވާހެން ހީވެ، އަމިއްލައަށް ރޮވުން)

- ނިދުމާއި ކެއުމަށް ބަދަލުއައުން: (ދަރިފުޅު ނިދާފައި އޮންނަ ވަގުތުވެސް ނިދަން އުނދަގޫވުމާއި، ކާހިތްނުވުން)

ސައިކޮލޮޖިސްޓް، ހެލީނާ ކްރިސްޓީނާ ފާހަގަކުރެއްވި ގޮތުގައި މިކަން މެދުވެރިވާ މައިގަނޑު ސަބަބަކީ ވިހެއުމަށްފަހު ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ކުއްލި ބަދަލުތަކެވެ. މީގެ އިތުރުން ނިދިމަދުވުމާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަމަކީވެސް މީގެ ސަބަބުތަކެއްް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރިމީހާގެ ފަރާތުން މައިމީހާއަށް ދެވޭ އަޅާލުމާއި އެއްބާރުލުމަކީ، އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަން--ފޮޓޯ/އީއެމްސީ

މި ދަނޑިވަޅުގައި ފިރިންގެ ފަރާތުން ލިބޭ އަޅާލުމާއި އެއްބާރުލުމަކީ އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކެމެވެ. އެގޮތުން ފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، އަނބިމީހާގެ އިހުސާސްތައް ބަޔާންކުރުމަށް ފުރުސަތު ދީ، އެ ކަންކަމަށް ފާޑުނުކިޔައި ކެތްތެރިކަމާއެކު އަޑުއެހުން، ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުން އަދި އަނބިމީހާ ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މި ކުރިމަތިވާ އިހުސާސްތަކަކީ އާދައިގެ ކަމެއްކަން ހަނދާންކޮށްދިނުން ހިމެނެއެވެ.

ބޭބީ ބްލޫސްއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ފިރިމީހާ ނުވަތަ ގާތް މީހަކާ އިހުސާސްތައް ހިއްސާކުރުން، އެހެން މީހުންގެ ފަރާތުން އެހީތެރިކަން ގަބޫލުކުރުން އަދި ރަނގަޅަށް ކެއުމާއި ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދައިދިނުން ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވަންދެން މަޑުނުކޮށް މައިމީހާގެ ރައްކާތެރިކަމަށާއި ދަރިފުޅުގެ ކުރިއެރުމަށް މި ދެންނެވުނު ކަންކަމަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ވިހެއުމަށްފަހު މައިމީހާގެ ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްވެސް އެކަމުން ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ.

comment ކޮމެންޓް