އަހަރު ނިމެނީ، ކުރަން ނިންމި އެއްވެސް ކަމެއް ކާމިޔާބުވިތަ؟

ކޮންމެ އާ އަހަރަކާ ދިމާކޮށް ޖިމަށް ދިޔުމަކީ ގިނަ ބަޔަކު އަމާޒު ކުރާ ކަމެއް ---

ކޮންމެ އަހަރެއް ފެށޭނީ ގިނަ ބައެއް ތަފާތު ކަންތައްތަކެއް ކުރުމަށް އަޒުމު ކަނޑައަޅައި ތަފާތު އެކި ރެޒޮލިއުޝަންތައް ހަދައިގެންނެވެ. އަދި އަހަރު ނިމޭއިރަށް އެ ގޯލުތައް ވާސިލު ކުރެވޭތޯ އެތައް ބަޔަކު މަސައްކަތް ކުރެއެވެ. މިއޮތީ މި އަހަރު ވެސް ނިމެން ގާތްވެފައެވެ. އަހަރުގެ ރެޒޮލިއުޝަން އާ ހަމައަށް ވާސިލުވި ހެއްޔެވެ؟

އާ އަހަރާ ދިމާކޮށް ކޮންމެ އަހަރެއްގެ ފަހުކޮޅު ވެސް ތަފާތު އެކި ކަންތައްތަކަށް އަޒުމު ކަނޑައަޅާނެއެވެ. މިއީ ގިނަ ފަހަރަށް އަމިއްލަ ދިރިއުޅުމުގެ އާދައެއް ކުރިއަށް ވުރެ ރަނގަޅު ކުރުމަށް ކުރާނެ ކަންތައްތަކަށް ނިސްބަތްވާ އަޒުމުތަކެކެވެ.

އެއްބައި މީހުން އަޒުމު ކަނޑައަޅާނީ ދުޅަހެޔޮ ސިއްހަތަކަށް އާދަތައް ބަދަލު ކުރާށެވެ. އަނެއް ބަޔަކު އަޒުމު ކަނޑައަޅާނީ ގިނަ ދަތުރު ކުރުމަށް ނުވަތަ ފައިސާ އެއްކުރުމަށެވެ.

"މިދިޔަ އަހަރު ނިމުނު އިރު އަޒުމު ކަނޑައެޅީ މި އަހަރުގެ ތެރޭގައި ޖިމަށް ގޮސް ރަނގަޅަށް ފިޓުވެލާން. އަހަރު ފެށި އިރު ހުރީ ހަމަ އެ ރެޒޮލިއުޝަންގައި،" އުމުރުން 25 އަހަރުގެ ނާޖިހު އަލީ ކިޔައިދިނެވެ.

ނާޖިހު ބުނި ގޮތުގައި އަހަރު ފެށުނު އިރު ހީވީ ޖިމްގެ ގޯލު ކާމިޔާބު ކުރެވޭނެ ކަމުގައެވެ. ނަމަވެސް ވަކި ހިސާބަކުން މޯޓިވޭޝަން އެއެްކޮށް ގެއްލި މިހާރު ޖިމަށް ނުދާތާ ވެސް އެތައް މަހެއް ވެއްޖެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިއީ ވަރަށް ގިނަ މީހުންނަށް ވާ ގޮތެކެވެ. އަހަރު ފަށާނީ ގަވާއިދުން ޖިމް ޖައްސައި ރަނގަޅު އާދައެއް ފެށުމަށެވެ. ނަމަވެސް އަހަރު ނިމިގެން ދާއިރު ގިނަ ފަހަރަށް އެ އަޒުމުގައި ހިފަހައްޓާލެވޭ ގޮތެއް ނުވެއެވެ. އެކި ސަބަބުތަކާ ގޯލަށް ވާސިލުވުމަށް ދަތިވަނީއެވެ.

އިތުރު ޒުވާނަކު ބުނި ގޮތުގައި އޭނާ މި އަހަރަށް އަޒުމު ކަނޑައެޅީ މަތީ ތައުލީމަށް ބޭރަށް ދިޔުމަށެވެ. އަދި, އެކަމަށް ބޭނުންވާ ތައްޔާރީތައްވުމަށް އޭނާ މަސައްކަތް ކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ.

"ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ މި އަހަރު އެކަނި ވެސް މާސްޓާސް ކިޔަވަން ދާން. ގޯލަކަށް އޮތީ ސްކޮލާޝިޕެއް ހޯދުމަށް. އެންމެފަހުން އެކަން ކާމިޔާބު ވެއްޖެ،" އޭނާ ކިޔައިދިނެވެ.

އެހެންވީމާ ގޯލެއް ކަނޑައަޅައި އެކަމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރެވިއްޖެ ނަމަ އެކަމަށް ކޮންމެ ވެސް ކަހަލަ ރަނގަޅު ނަތީޖާއެއް ލިބިގެންދާނެއެވެ. ރެޒޮލިއުޝަނެއް ކަނޑައެޅި ނަމަވެސް އެއަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އަހަރު ނިމެންވާއިރު އެ ރެޒޮލިއުޝަން ކާމިޔާބު ވާނީ އޭރުންނެވެ.

މި އަހަރަށް ރެޒޮލިއުޝަނެއް ކަނޑައެޅިން ހެއްޔެވެ؟ އަދި އަހަރު ނިމެން ދާއިރު އެ ކަން ކާމިޔާބުވާން ކިހާ ހިސާބަކަށް ދެވުނު ހެއްޔެވެ؟

comment ކޮމެންޓް