ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ މުހިއްމު ރޯލަކަށް ރަވީ ފާރޫގު ހަމަޖައްސައިފިއެވެ.
އައިފިލްމްސްއިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ފީޗާ ފިލްމުގެ މަސައްކަތް ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާފައެވެ.
މި ފިލްމު އިއުލާނުކުރިއިރު މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
ނަމަވެސް އެއަށް ފަހު ވެސް ފިލްމުގެ އިތުރު މުހިއްމު ރޯލުތަކުން އެކްޓަރުން ފެންނާނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ. އެގޮތުން އެންމެފަހުން ފިލްމުގެ ކާސްޓު ޓީމަށް ވަނީ ރަވީ ވެސް އިތުރު ކޮށްފައެވެ. ރަވީއަކީ ފިލްމުގައި މުހިއްމު ރޯލެއް ކުޅޭނެ އެކްޓަރަކަށް ވި ނަމަވެސް އެ ރޯލާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަދެއެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.
ކަންބަޅި ވެގެން ދާނީ އަނެއްކާ ވެސް އައިފިލްމްސްއިން ނެރޭ ތަފާތު ފިލްމަކަށެވެ. މި ފިލްމު ވެގެން ދާނީ ބިރުވެރި ފިލްމަކަށެވެ.