ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބު ވެމްކޯ އިން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ އެ މުބާރާތުގެ ސެމީން އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބު ވެމްކޯއިން ފުރުސަތު ހޯދައިފައިވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލު މެޗުތަކުން މޮޅުވެގެންނެވެ. ކުއާޓާގައި އަލްމާ ސްޕޯޓްސް އިން ހިންމަފުށި ވިކްޓޯރިއަސް އެސްސީއާ ދެކޮޅަށް ނުކުތް އިރު، ކްލަބު ވެމްކޯ ނިކުތީ ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ.
އިއްޔެ ހަވީރު ކުޅުނު ކުއާޓާގެ މެޗުގައި އަލްމާ ސްޕޯޓްސްއިން ވަނީ ސީދާ ތިން ސެޓުން ހިންމަފުށި ވިކްޓޯރިއަސް ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް އަލްމާ އިން ގެންދިޔައީ 25-3، 25-10 އަދި 25-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލްމާ ސްޕޯޓްސްގެ ސުހާނާ އަހުމަދެވެ.
ރޭ ކުޅުނު ކުއާޓާގެ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން އަތުން ވެމްކޯޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-15، 25-9 އަދި 25-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޖެސިކާ ސޯރެސް ދާސް ނެވޭސްއެވެ.
އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4:15ގައި ޕޮލިސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބައްދަލުކުރާ އިރު، މާދަމާ ރޭ 8:15ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ އަލްމާ ސްޕޯޓްސް އާއި ކްލަބު ވެމްކޯއެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މި ފަހަރު 12 ޓީމަކުން ވާދަކުރެއެވެ.