ފިލްމު "އެކްތާ ޓައިގާ"އިން ވުޖޫދަށް އައި ޒޯޔާ ކެރެކްޓާއަށް އެކަނި ބިނާކޮށް ފިލްމެއް އުފައްދަން ބޭނުންވާ ކަމަށް އެ ކެރެކްޓާ ކުޅެމުން އަންނަ ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.
ދާދި ފަހުން ރިލީޒްކުރި މި ފްރެންޗައިސްގެ ފަހު ބައި "ޓައިގާ3"ގައި ކެޓްރީނާ ވަނީ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ކުޅެފައެވެ. އެހެންކަމުން ހަމައެކަނި ޒޯޔާގެ ކެރެކްޓާއަށް ބިނާކޮށް ފިލްމެއް އުފެއްދިދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.
ފިލްމު "އެކްތާ ޓައިގާ"ގެ ލިޑް އެކްޓަރު ސަލްމާން ޚާނާ ހަމައަށް ކެޓްރީނާ ވަނީ ބަތަލާގެ ޚިޔާލު ގެންގޮސް ސަލްމާންގެ މަޝްވަރާއަށް ވެސް އަހައިފައެވެ. މި ޚިޔާލު ސަލްމާނަށް ވަރަށް ކަމުދިޔަ ކަމަށާސި އެ ކަމާ ގުޅޭގޮތުން ޔަޝްރާޖް ކުންފުނީގެ އިސްވެރިޔާ އަދި ޕްރޮޑިއުސަރު އަދިތްޔާ ޗޯޕްރާއާ އެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ކެޓްރީނާ ފިލްމީ ދާއިރާއިން ކުރިއަށް ނެރުމުގެ އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ސަލްމާން ޚާން ކަމަށްވުމާ އެކު ސަލްމާންގެ ނުފޫޒާ އެކު ޒޯޔާ ކެރެކްޓާއަށް ބިނާކޮށް ފިލްމެއް ވުޖޫދަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އައިއެސްއައިގެ އެޖެންޓެއް ކަމަށްވާ ޒޯޔާގެ ރޯލުން ކެޓްރީނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނަ އަހަރު ރިލީޒްކުރި އެކްޝަން ތުރިލާ "އޭކް ތާ ޓައިގާ" އިންނެވެ. މި ފިލްމަކީ ކަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ކެޓްރީނާ ކުޅެފައި ވަނީ ޕާކިސްތާނުގެ ސަރުކާރަށް ޖާސޫސްކޮށްދޭ އަންހެނެއްގެ ރޯލެވެ. ނަމަވެސް ފިލްމުގެ ވާހަކައިގެ ކުރި ފަޅައި ކެޓްރީނާ އަކީ މިހާރު ސަލްމާން ޚާންގެ ޓީމުގެ ކެރެކްޓާއަކަށް ވަނީ ވެފައެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ޖަނަވަރީ މަހުގެ 14ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.