މޫނުގައި އިސްތަށި ފަޅާފައި ހުންނާތީ ވަރަށް ގިނަ ބަޔަކު މަލާމަތްކުރި: ސޯނަމް

ބަތަލާ ސޯނަމް ކަޕޫރު--ފޮޓޯ/އެމިރޭޓްސްވުމެން

ބަތަލާ ސޯނަމް ކަޕޫރު ބޮޑުވަމުން އައިއިރު, ޕޮލީސިސްޓިކް އޯވޭރިއަން ސިންޑްރޮމް (ޕީސީއޯއެސް)ގެ ސަބަބުން ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ސޯނަމް ބުނެފިއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފެޝަން އައިކަންގެ ނަމުން މަޝްހޫރުވެފައިވާ ބަތަލާ ސޯނަމް ބުނެފައި ވަނީ ކެމެރާތަކަށް އޭނާގެ ރީތި ހިތްގައިމުކަން ފާހަގަކުރެވުނު ނަމަވެސް ފުރަތަމަ އެގޮތުގައި ކެމެރާ ކުރިމައްޗަށް ނުކުންނަށް ފަސްޖެހުނު ކަމަށެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ބޮޑުވަމުން އައިއިރު މޫނުގައި ކޮންމެވެސް ވަރަކަށް އިސްތަށި ހުންނާތީ ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އޭރު ރައްދުވުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދާދިފަހުން ބޭއްވި 'ވީ ދަ ވިމެން' ސަމިޓުގައި ވާހަކަ ދައްކަމުން ސޯނަމް ބުނީ އޭނާ އަކީ ވެސް މިހާރު ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ (ޕީސީއޯއެސް)ގެ ޝިކާރައަކަށްވި މީހެއް ކަމުގައެވެ.

ސޯނަމްގެ ޅައިރުގެ ފޮޓޯތަކެއް--ފޮޓޯ/ބްރައިޑްސްޓުޑޭ

އެކަން އެނގުނީ އުމުރުން އެންމެ 16 އަހަރުގައި ކަމަށާއި ހަށިގަނޑުގެ ހޯމޯންއަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅިގެން ވަރަށް ޅަ އުމުރުގައި ބަރުދަން އިތުރުވި ކަމަށެވެ. އާއްމުގޮތެއްގައި މީހުން ކިޔާ 'ސްވީޓް-16'ގެ ދުވަސްތަކަކީ ހަށިގަނޑު ރީތިކޮށް ބަހައްޓަން ގިނަބަޔަކު ސަމާލުކަންދޭ އުމުރު ނަމަވެސް ސޯނަމްގެ ތަޖުރިބާ އެ އުމުރުފުރާގައި ވަރަށް ތަފާތު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އޭރު ކުރިމަތިވި މަލާމާތާއި ފުރައްސާރައިން ސަލާމަތްކޮށްދީ ހިތްވަރުދިނީ މަންމަ ސުނީތާ ކަމަށާއި ފިލްމީ ތަރި ކާޖޮލް އޭރު ފެނުމުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

އޭރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި ބަތަލާއިންގެ ތެރެއިން ކާޖޮލް ފާހަގަކުރެވުނީ ވަރަށް ގުދުރަތީ ރީތި ސިފަތަކެއް ހުރި ބަތަލާއެއްގެ ގޮތުގައި ކަމަށާއި އަމިއްލަ ނަފުސަށް އޮތް އިތުބާރު އަލުން އައީ މަންމަ ކާޖޮލްގެ ފޮޓޯތަކެއް ދެއްކުމުން ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

ބަތަލާ ކާޖޮލް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ދުވަސްވަރު--ފޮޓޯ/ފޭސްބުކް

ބަތަލާ ކާޖޮލް އޭރު ފާހަގަ ކުރެވުނީ މޫނުގައި ހުންނަ ލޯލި އިސްތަށިތައް ވެކްސް ނުކޮށް ބުމަ ވެސް ނުހަދާ ވަރަށް ސިމްޕަލް ނެޗުރަލް ލުކްއަކާ އެކު ކެމެރާ ކުރިމައްޗަށް ނުކުތް ބަތަލާއެއްގެ ގޮތުގައި ކަމަށް ސޯނަމް ފާހަގަކޮށްފައިވެއެވެ.

އުމުރުން 17 އަހަރުގައި ފިލްމު އިންޑަސްޓްރީއަށް ނުކުތްއިރު ބަތަލާ ވަރަށް ގިނަ ކަންކަމަށް ތައްޔާރުވި ކަމަށާއި އެންމެ ބޮޑަށް ތައްޔާރުވީ އާއްމުންގެ ފަރާތުން ކުރިމަތިވާނެ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

ކައިވެންޏަށްފަހު އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ސޯނަމް ވަނީ ފިލްމު އިންޑަސްޓްރީއިން ބްރޭކެއް ނަގާފައެވެ. އިނގިރޭސިވިލާތުގެ ލަންޑަންއަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް މަދު މަދުން ނަމަވެސް ސޯނަމް އިންޑިއާއަށް ޒިޔާރަތްކުރެއެވެ.

comment ކޮމެންޓް