ޕާކިސްތާނު ބަތަލާ ހާނިއާއާ ލޯބީގެ ގުޅުމެއް ނޯންނަ ކަމަށް ބާދްޝާހް ބުނެފި

ހާނިއާ އާއި ބާދްޝާހް--ފޮޓޯ/ޓްރައިބިއުން.ކޮމް

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހާނިއާ އާމިރަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ލޯބީގެ ގުޅުމެއް ދެ މީހުންގެ ދެމެދު ނޯންނަ ކަމަށް އިންޑިއާގެ މަޝްހޫރު ރެޕަ އަދި ލަވަކިޔުންތެރިޔާ ބާދްޝާހް ބުނެފިއެވެ.

ހާނިއާ އާއި ބާދްޝާހްއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މީގެކުރިންވެސް ދެ މީހުން އެކީގައި ވަރަށް ގިނައިން ބޭރުތެރެއިން ފެނިފައިވާއިރު ބާދްޝާހްގެ ވަރަށް ގިނަ މިއުޒިކް ކޮންސެޓްތަކުގައި ހާނިއާ ބައިވެރިވެއެވެ.

ދާދިފަހުން ބާދްޝާހްގެ މިއުޒިކް ކޮންސެޓެއްގައި ހާނިއާ ބައިވެރިވެ ދެ މީހުން މާ ގައިގޯޅިކޮށް އުޅުނު ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވުމުން އަނެއްކާވެސް ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ ވަނީ ތިލަވެފައެވެ.

މި ޚަބަރު ތަކަށް ރައްދު ދެމުން ބާދްޝާހް ބުނީ ހާނިއާ އަކީ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށާއި ދެ މީހުންގެ ވިސްނުން ވަރަށް ގިނަ ކަންކަމުގައި އެއްގޮތް ކަމަށެވެ. އެހެންވެ ބާދްޝާހްގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގައި ހާނިއާގެ ލަފާ އާއި މަޝްވަރާއަށް އަހާ ކަމަށާއި ދެ މީހުންގެ އެކުވެރިކަން އެހާބޮޑަށް ބަދަހިވީ ވެސް އެހެންވެގެން ކަމަށެވެ.

ހާނިއާ އާއި ބާދްޝާހް ދާދިފަހުން ދުބާއީގައި--ފޮޓޯ/ޕިންކްވިލާ

ބާދްޝާހާ އެކު ދާދިފަހުން ދުބާއީގައި ވަގުތު ހޭދަކޮށްފައިވާ ވީޑީއޯ އާއި ފޮޓޯތައް ވެސް ހާނިއާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި ހާނިއާ ބުނެފައި ވަނީ އޭނާގެ ރަހްމަތްތެރިޔާ ބާދްޝަހަކީ ހަގީގަތުގައި ވެސް ހީރޯއެއް ކަމަށާއި ހަގީގީ ރޮކް ސްޓާއަކީ ލޯބިވާ ރަހްމަތްތެރިޔާ ބާދްޝާހް ކަމަށެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ރެޕަ ބާދްޝާހް ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ.

ޖޭސްމިން މަސީހް ނަމަކަށް ކިޔާ މީހަކާ އެކު 2012 ވަނަ އަހަރު ކުރެވުނު ކައިވެނި ރޫޅާލާފައި ވަނީ 2020ވަނަ އަހަރުއެވެ. މި ކައިވެންޏަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. މީގެކުރިން ބާދްޝާހްއާ ބަތަލާ މްރޫނާލް ތާކުރްއާ އެކު ލޯބީގެ ގުޅުމެއް އޮތްކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފައެވެ.

comment ކޮމެންޓް