މޮރިޝަސްއާއެކު އެއްބަސްވެފައިވާ ކަންކަން އެނގޭކަށް ނެތް: ސަރުކާރު

ކުރީގެ ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މޮރިޝަސްގެ ބޮޑުވަޒީރު 2019ގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަަހައްދުގެ އިން ފުށު އަރާ މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ސިޓީ ފޮނުއްވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް މިހާތަނަށް ބެލި ބެލުމުން ފެންނާން ނެތް ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ދިރާސާކޮށް، އެ މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް އެ އޮފީހުން މިހާރު ފަށާފައި ވާނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި މި މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ހޯދައި، އެ ލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާ ކަމަށް އޭޖީން ބުންޏެވެ.

އެގޮތުން މިހާތަނަށް އޭޖީއަށް ފާހަގަވެފައިވާ ބައެއް ކަންކަމަކީ:

  • ރައީސް ޞާލިޙާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާން ނެތުން.
  • އދގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސޮރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާން ނެތުން.
  • ސީއެލްސީއެސްއަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސް ގެ ފަރާތުން އިއުތިރާޟެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި، ކުރީގެ ރައީސް ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކުރައްވާފައިވީ ނަމަވެސް، އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާން ނެތުން.

އެހެންކަމުން އިމުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް ޞާލިހު ސިޓީ ފޮނުއްވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

https://sun.mv/186303

މިކަމާ ގުޅިގެން ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މައުލޫމާތު އާންމުކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

އިޓްލޮސްއިން ނިންމި ނިންމުން ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް، މި ސަރުކާރުން ވަނީ ޚާއްޞަ ކޮމިޓީއެއް ވެސް އެކުލަވާލައިފިއެވެ.

ސަރުކާރުން ބުނީ އެ މަސައްކަތްތަކަށް ޚާއްޞަކޮށް އުފެއްދި ކޮމިޓީގައި ހިމެނޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން ކަމަށެވެ.

ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ޖޫން 24، 2022ގައި ރުވާންޑާގައި ބޭއްވި ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަމަންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ޞާލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެކެވެ.

comment ކޮމެންޓް