މޮރިޝަސް ބޮޑުވަޒީރަށް ޞާލިހު ފޮނުއްވި ސިޓީ ހާމަކޮށްފި

ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަަހައްދުގެ އިން ފުށު އަރާ މައްސަލައިގައި ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ މިހާރުގެ ސަރުކާރުން އާންމުކޮށްފިއެވެ.

އެ ސިޓީ ހާމަކުރުމަކީ މި ސަރުކާރުގެ ވެރިން ވެރިކަމާ ހަވާލުވީ އިރު ރައްޔިތުންނަށް ވީ ވައުދެކެވެ.

މީގެ ކުރިން ރައީސް ޞާލިހު ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެކަން މޮރިޝަސްއަށް އެންގުން ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ އެކު ކަމަށެވެ.

https://sun.mv/176676

މިއަދު ސަރުކާރުން އާންމުކުރި ސިޓީގައި ވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށެވެ. އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ވެސް ސިޓީގައިވެއެވެ.

މީގެ ކުރިން ވެސް ޞާލިހުވަނީ މި ސިޓީއަކީ ފުށުއަރާ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.

ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައިރައީސް ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ.

ޞާލިޙްގެ ސިޓީ ހާމަކޮށް މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަށް ބަންޑާރަނައިބު އަހުމަދު އުޝާމްގެ އޮފީހުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލް އިސްކޮށް ހުންނަވާ އެ ކޮމިޓީގައި ދެން ތިއްބަވަނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން އެވެ.

އެ ބަޔާނުގައިވާ ގޮތުން، ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ޖޫން 24، 2022ގައި ރުވާންޑާގައި ބޭއްވި ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަމަންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ޞާލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެކެވެ.

ނަމަވެސް އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނާިއ މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި ޗާގޯސްގެ ރަށްތަކާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި އެ ސިޓީގައި ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ވެސް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނަން ނެތް ކަމަށް ބަޔާނުގައިވެއެވެ.

comment ކޮމެންޓް