2.4 ބިލިއަންގެ ބޮންޑުގެ މައްސަލައިގައި އިނާޒް ވެސް ޕެންޝަން އޮފީހުން އިސްތިއުފާ ދެއްވައިފި

ޕެންޝަން ބޯޑުގެ ޗެއާޕާސަން އިނާޒް: ----- ފޮޓޯ/ ޕެންޝަން އޮފީސް

ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

https://www.sun.mv/213507

އެ ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، މިދިޔަ ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހު، ވަކި ސަބަބެއް ހާމަ ނުކުރައްވައި، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އިނާޒް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ކުރެއްވި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދިއުން. ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުން." ކުރިން މާލީ ވަޒީރުކަން ކުރެއްވި އިނާޒް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމިއްލަ ކުންފުނިތަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނީ ފައިސާ ޗާޕުނުކޮށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނިކޮށް، މި މަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި އިންޓްރެސްޓާއެކު ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށް، ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފައެވެ. އަދި ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.37 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ސްޓޮކް އެކްސްޗޭންޖުގައި ވަނީ ޖަހައިފައެވެ.

https://www.sun.mv/215492

ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑުތަކަށާއި ޓީބިލަށް ބޮޑަށް ބަރޯސާވުމަކީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ސަރުކާރުގެ ބޮންޑާއި ޓީބިލުން ރިޓާންގެ ގޮތުގައި ކޮންޓްރިބިއުޓާސްއަށް ލިބޭ އެއްޗެއް ކުޑަވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރި މާކެޓަށް އެ ފައިނޭންސް ދޫކުރާނަމަ ޕެންޝަން ފަންޑަށް ފައިސާ ލާ މީހުންނަށް މާ ބޮޑު ރިޓާންއެއް ލިބޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ދެކެއެވެ.

މި މައްސަލަ ބޮޑުވެފައި ވަނިކޮށް, އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ކުރިން ވިދާޅުވީ، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށެވެ.

comment ކޮމެންޓް