ޕޮލިސް ކޮމިޝަނަރުކަމަށް ޝުޖާއުއާއި ނަވީން ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލާފައިވާ އޭސީޕީ އަލީ ޝުޖާއުއާއި އޭސީޕީ އިސްމާއިލް ނަވީން-- ސަން ފޮޓޯ

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް އޭސީޕީ އަލީ ޝުޖާއުއާއި އޭސީޕީ އިސްމާއިލް ނަވީން ކުރިމަތިލައްވައިފިއެވެ.

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ވަނީ ހަމަވެފައެވެ.

'ސަން' އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ވަނީ ހަމައެކަނި އޭސީޕީ ޝުޖާއުއާއު އޭސީޕީ ނަވީން ކަމަށެވެ.

އެ ދެ ބޭފުޅުންގެ ނަން މިހާރު ވަނީ ޕޮލިސް ބޯޑަށް ފޮނުވާފައެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު އެ މަގާމާ ދެން ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަބްދުލް މަންނާނު ޔޫސުފެވެ.

އެއަށްފަހު މަންނާނު ރިޓަޔާ ކުރެއްވުމުން ދެން އެ މަގާމާ ހަވާލުވީ މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވެއެވެ.

ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް އާންމުކޮށް ހުޅުވައިލުމަށްފަހު 90 ދުވަސް ދޭން ޖެހޭއިރު ކުރިމަތިލާ ފަރާތަކީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށްވާން ޖެހެއެވެ.

އަދި ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށަހަޅާ ނަންތައް ވަޒަންކުރުމަށްފަހު ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

comment ކޮމެންޓް