ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ޕޮލިސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއިން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ އެ މުބާރާތުގެ ސެމީން ޕޮލިސް ކްލަބާއި ވޮލީބޯލް އެކަޑަމީން ފުރުސަތު ހޯދާފައިވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލު މެޗުތަކުން މޮޅުވެގެންނެވެ. ކުއާޓާގައި ޕޮލިސް ކްލަބުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށް ނުކުތް އިރު، ވޮލީބޯލް އެކަޑަމީން ނުކުތީ އަސްދިގާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އިއްޔެ ހަވީރު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ޕޮލިހުން މޮޅުވީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަަމަ ސެޓު 25-22 އިން ޕޮލިހުން ގެންގޮސްފައިވަނިކޮށް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ދެވަނަ ސެޓު 19-25 އިން ގެންގޮސްފައެވެ. ޕޮލިހުން މޮޅު ކަށަވަރުކުރީ ފަހު ދެ ސެޓު 25-22 އަދި 25-19 އިން ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އަންޗަނާ ޗަންގްކަމްއެވެ.
ކުއާޓާގައި ރޭ ކުޅުނު މެޗުގައި އަސްދިގާ އަތުން ވޮލީބޯލް އެކަޑަމީން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ވޮލީބޯލް އެކަޑަމީން މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-15 އަދި 25-12 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވޮލީބޯލް އެކަޑަމީގެ ބިދޭސީ ކުޅުންތެރިޔާ އަރީލުއާ ޑުއީންޕެންއެވެ.
އަންނަ ހުކުރު ދުވަހު ކުޅޭ ސެމީގެ މެޗުތަކުން ދެން ޖާގަ ހޯދާ ދެ ޓީމު ކަށަވަރުވާނީ މިއަދު ކުޅޭ ކުއާޓާގެ މެޗުތަކަށްފަހުއެވެ. މިއަދު ހަވީރު 4:15ގައި ކުޅޭ ކުއާޓާގެ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބާއި ހިންމަފުށި ވިކްޓޯރިއަސް އެސްސީ ވާދަކުރާ އިރު، މިރޭ 8:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެމްކޯއާއި ޔޫތު ނިއު ޖެނެރޭޝަނެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މި ފަހަރު 12 ޓީމަކުން ވާދަކުރެއެވެ.