ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއު ފައްޓަވައިދެއްވީ ރައީސް މުއިއްޒެވެ.
ރައީސް ވިދާޅުވީ، ފުށިދިއްގަރުފަޅު ތަރައްގީކުރާނީ ރަސްމާލޭގެ ނަމުގައި ކަމަށެވެ.
މަޝްރޫއު ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަން ހައްލުކުރަން ކަމަށެވެ. މިއަދު ފެށުނު މަޝްރޫއަކީ އެ އަމާޒަށް ވާސިލުވާން މުހިއްމު މަޝްރޫއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިއީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ބޭނުމަށް ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ.
އެ ފަޅުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. އެއީ، ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.
"ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވެގެންދާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީއަކީ ޒީރޯ-ކާބަން ސިޓީއަކަށް ހެދުން ކަމަށެވެ. އަދި، އެ ތަން ތަރައްގީކުރާނީ 'މޯލްޑިވްސް އީކޯ ސިޓީގެ' ގޮތުގައި ކަމަށެވެ.
"ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު މި މަސައްކަތް ފަށާއިރު، އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް ހިމެނި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައެވެ.
މަޝްރޫއުގެ މަސައްކަތް ފަށާއިރު މި ކަން ކުރަން ހާވާލުކުރަނީ ކޮން ކުންފުންޏަކާ ކަމެއް އަދި ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އަދި، މި މަޝްރޫއަށް ފައިސާ ހަމަޖައްސާ ގޮތެއް ވެސް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އެއީ މި ސަރުކާރުގެ މުހިންމު މަޝްރޫއެއްކަމުން އެ ކަމަށް ފައިސާ ހޯދާނެ ކަމަށާއި އެ ކަންކަމާމެދު ވިސްނާނީ ސަރުކާރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފުށިދިއްގަރުފަޅު ސަރުކާރުން ތަރައްގީކުރަނީ 20 އަހަރުގެ ދިގު ރާސްތާގެ ޕްލޭނަކަށް ބަހައިލައިގެންނެވެ. މިއީ މާލެއާ ގުޅައިލެވޭ ވަރަށްވުރެ ދުރު ތަނަކަށްވުމުން މި ތަން ތަރައްގީކުރާނީ މާލެ ނައިސް ރައްޔިތުންނަށް ދިރިއުޅެވޭ ފެންވަރަށް ހުރިހާ ޚިދުމަތަކާ އެކު ކަމަށް ވެސް ހައިދަރު ވިދާޅުވެފައިވެއެވެ.
އެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނާނެއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.
comment ސުގާ
1 year 4 month ago
ރާއްޖޭގެ ނަންވެސް ހިއްކި ރާއްޖެއަށް ބަދަލުކޮއްލަންވީ. ގުދުރަތީގޮތުން ހިކިފަ ހުރި ބޮޑެތި ރަށްތަށް ރާއްޖޭގައި ހުއްޓަސް ސަރުކާރަށް ނުވަތަ ވެރިންނަށް އެއީ ނެތް ތަންތަން. އެހެންވީމަނޫންތޯ އެތަންތަން ތަރައްގީ ނުކޮއް މިއުޅެނީ ބޮޑު ޚަރަދު ކޮއްގެން އަދިވެސް ފަޅުތަށް ހަލާލުކޮއްލާފަ އައު ތަންޔަން ހިއްކަން. މިހާރު ނިދަނީ ކުރީގަ ފިރުއައުޒަމާނުގަ އެކަކަށް ވުރެ އަނެއްކަކު ބޮޑު މަގުބަރާއެއް ނުވަތަ ޕިރަމިޑެއް އަޅަން އުޅުނު ބީދާއިން. މައްސަލައަކީ އަދި މިފަދަ ކަންކަން މި ކޮއްލަނީވެސް ހަމަ އެޒަމާނުގަ ކުރިހެން ރައްޔިތެއް ގާތު ޚިޔާލު ހޯދާލުމެއްވެސް ނެތި. ކޮންމެ ރައީސަކުވެސް ހީކުރަނީ ތިމާ އަށް ލިބުނީ ކިންގުޑަމްއެއްކަމަށް.
comment ވޯލް
1 year 4 month ago
މި ތަން މިހާރު ހަދަން ނިންމާފައޮތް ތަނުގައި ހަދަން ނިންމީ ކޮން ދިރާސާއެއްގެ މައްޗަށް ބަލާފަބާ؟ އަދި ކޮން ރައްޔިތުންގެ ހިޔާލާ އެކުބާ؟ މިވަރުގެ ބޮޑު ފަޅެއް ހިއްކަން ފެށުމުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނެއް ހަދާ ފާސްކޮށް އެ ޕްލޭން ބަދަލު ކުރެވޭނެ ގޮތްތައް ބަޔާން ކުރާ ޤާނޫނެއް ހަދާގެން ނޫނީ މިވަރުގެ ބޮޑު ޚަރަދެއް ދައުލަތުން ކުރަން ފެށުމަކީ އަދިވެސް ވެރިކަން ކުރުމުގެ ވައްޓަފާޅި ގޯސްކޮށް އަނގާދޭ ހެއްކެއް. 2008 ރައީސް ނަޝީދު އައިސް ކުރި މައިގަނޑު ކަމަކީ ދައުލަތުގެ ޢަމްދަނި އާއި ވެލްފެއަރ ސްކީމްތަކަށް ބޭނުންވާ ޤާނޫނުތަކާ އޮނިގަނޑު ހެދުން. މުއިޒުގެވެސް މަސައްކަތަކަށް ވާންވާނީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ނޫނީ އާބާދީ އެއްފަސް ކުރުރމަށް ބޭނުންވާ އޮނިގަޑާ ޤާނުނުތައް ހެދުން. މިހާރު މިފެންނީ ދިމާ އިދިކޮޅަށް ކަންކަން ފަށާަތަން. ތަން ހިއްކާ ނިމޮގެން ޕްލޭން އާއި ޤާނޫނު؟
comment ސސ
1 year 4 month ago
ރަސްމާލެ ވަކި ސީޓީއެއްގެ ގޮތުގާ ތަރައްޤީކޮށް ދިވެހިންގެރާއްޖޭގެ ވެރިކަން ކުރާ ސިޓީއަށް ބަދަލްކޮށް މާލެ އަލުން ރީޑިޒައިންކޮށް ކޮޅުބެދިފާ ހުރިމަގުތަށް ދެކޮޅުން އުދަރެސް ފެންނަގިތަށް ހުޅުވާލާ ބަސް ދަތުރު ކުރެވޭނެ ގޮތަށް ޑިޒައިން ކުރަންވީ މާލެ ކޮމާޝަލް ސިޓީއެއްގެ ގޮތުގައި !
comment އ
1 year 4 month ago
މިތަން ހިއްކައިގެން އެންމެ ފުރަތަމަ ގޯތި ލިބޭނީވެސް ރޮޒޭމެންކަހަލަ އެމްޑީޕީ މެންބަރުންނަށް
comment މާލެމާލެމާލެމާމެ
1 year 4 month ago
ދިވެހިރާޢްޖެމާލެ އަށް ރާއްޖޭގެ ނަންވެސް ބަދަލުކުރަން ފެނޭ.
comment މައް
1 year 4 month ago
މޑޕ އެއްކަމަކު ވަރައް ބޮޑު ތެދެއް އެބުނީ. ދެން މި ސަރަހައްދަށް ކީއްކުރަން މީހުން ގިނަކުރާކައް.
comment އުސަލް
1 year 4 month ago
އެއް ހުޅުމާލެވެސް ތަރައްގީ ފުރިހަމަ ނުކުރެވިގެން އުޅޭއިރު އަދި އެވަރުގެ ތިންގުނަ ހިއްކައިގެން ތަރައްގީ ކުރެވޭނެބާ.؟ އެއޮތީ މިހާރުވެސް ހުޅުމާލެ ހަވާލުކުރި ކުންފުނި ދަރާފައޮތް ވަރު. ދައުލަތިގެ ދަރަނި އުޅެނީ ޖީޑީޕީއަށްވުރެ މަތީގަ.