އިިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖޭގެ ހާލަތު ދަށްކަމުގައިވީ ނަމަވެސް މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަން ބޭނުންވާ ފައިސާ ހޯދާނެ ގޮތްގޮތް ސަރުކާރުން ރާވާނެކަމަށާއި، އެ މަސައްކަތް ކުރިއަށްދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މި ފަދައިން ވިދާޅުވީ އިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖެ އޮތް ހާލަތާއެކު ބޮޑު މަޝްރޫއަކަށް މި ވަގުތު ހޭދަކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ނޫންކަމަށް ސިފަކުރައްވައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ކޮމެޓީގައި ސުވާލުކުރެއްވުމުންނެވެ.
މިހާރު ވެސް ރާއްޖޭގެ ދަރަނި މަތިވެ، ދައުލަތުގެ ޚަރަދުތަކާމެދުު ސަމާލުވުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.
އެއާއެކު ވެސް ފާސްކުރަން މިހާރު މަޖިލީހުގައި އޮތް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ފުށިދިއްގަރުފަޅުގެ މަސައްކަތަށް ހިމަނައިފައެވެ.
މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ޓަކައި ފައިސާ ހޯދާނެ ގޮތާމެދު ވިސްނާނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން އެ ކަމަށް ބޭރު ގައުމުގެ އެހީތެރިކަން ވެސް ހޯދޭނެކަމަށާއި އެހެން މަޝްރޫއުތަކުން ލިބޭ އާމްދަނީ ވެސް އިންވެސްޓުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ވިސްނަންވާނީ މުސްތަގުބަލަށް ކަމަށާއި ފުށިދިއްގަރުފަޅަކީ އެ ވިސްނުމުގައި ދިގު މުއްދަތުގެ ހައްލަކަށް 20 އަހަރު ދުވަހަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއްކަމަށް ވެސް ވިދާޅުވިއެވެ.
"ދެން އެ ފައިސާ ހޯދާނެ ގޮތަކާ ހުރިހާ އެއްޗެއް ހަމަޖެހިގެން އެ ކަން ކުރިއަށް ގެންދާނީ އިނގޭތޯ. ހަމަ 20 އަހަރު ދުވަހަށް ޕްލޭންކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ތަން ތަރައްގީކުރާއިރު، ކުރާނީ މާލެއަށް އަންނަން ނުޖެހޭ ފެންވަރަށް ހުރިހާ ޚިދުމަތަކާއެކު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ފުރަތަމަ ކޮޅުގައި ވެސް ދެންނެވިން 20 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުންނޭ. މާލޭ ސަރަހައްދަށް އަދި މީހުން އިތުރުވާނެ. ވިހާނެ، އެއް ރަށުން އަނެއް ރަށަށް ބަދަލުވާ މީހުން ވެސް އުޅޭނެ. އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި މިހާރު ތިބި މީހުންނަށް ގޯތި ދީގެން ދެން އަތް އުރައިލައިގެން ތިބެވޭކަށް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ވެސް މިހާރު އެކުލަވައިލައިފައިވާ ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އެއް މަސްދުވަހުގެ ތެރޭގައި ފަށައި ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކާ ނިންމުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
އެ މަޝްރޫއަށް 2025ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނާނެއެވެ.