ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުގެ ކުޅުން ފަށައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރިއަށްގެންދާ މުބާރާތުގައި އިއްޔެ ވަނީ ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗު ކުޅެފައެވެ. އެއީ ކްލަބު ވެމްކޯއާއި ކްލަބު އާބަންކޯ ބައްދަލުކުރި މެޗާއި ޕޮލިސް ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ކްލަބު ވެމްކޯއިން ވަނީ 3-2 ސެޓުން ކްލަބު އާބަންކޯ ބަލިކޮށްފައެވެ. ވެމްކޯއިން 25-22 އިން ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، އާބަންކޯއިން ވަނީ ޖެހިގެން އައި ދެ ސެޓު 19-25 އަދި 19-25 އިން ގެންގޮސްފައެވެ. ވެމްކޯ މެޗުން މޮޅުވީ ފަހު ދެ ސެޓު 26-24 އަދި 20-18 އިން ގެންގޮސްގެންނެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ސިޓީ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ. ސިޓީ ސްޕޯޓްސް ކްލަބުން އެ މެޗުގެ ސެޓުތައް ގެންދިޔައީ 18-25، 7-25 އަދި 21-25 އިންނެވެ.
ފިރިހެން ޑިވިޝަންގައި ޕްރިލިމިނަރީ ބުރަށްފަހު، ފައިނަލް ބުރުގައި ވާދަކުރަނީ ހަ ޓީމެކެވެ. އެ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕު ސްޓޭޖުގެ މެޗުތައް ކުޅޭ އިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ފައިނަލް ބުރުގެ ޕޫލު އެކެއްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ކްލަބު ވެމްކޯ އަދި ކްލަބު އާބަންކޯއެވެ. ޕޫލު ދޭއްގައި ހިމެނެނީ ސްޕޯޓްސް ކްލަބު ސިޓީ އާއި ޕޮލިސް ކްލަބު އަދި ސިޓީ ސްޕޯޓްސް ކްލަބެވެ.