ކާޑުން ފައިސާ ދެއްކުމުގައި ދިމާވި މައްސަލައާ ހެދި އިތުރަށް ފައިސާ ކެނޑިފައެއް ނުވޭ: އެމްޓީސީސީ

ހުވަދު އަތޮޅުގައި ދުއްވާ އާރުޓީއެލް ފެރީއެއް ---- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީއިން ފޯރުކޮށްދޭ ބަހާއި މާލެ ފެރީ ޚިދުމަތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޓްރާންސެކްޝަންތައް ލަސްވި ނަމަވެސް، އެއްވެސް ކަސްޓަމަރެއްގެ އަތުން ދެ ފަހަރަށް ފައިސާ ކެނޑިފައިނުވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މައްސަލަ ދިމާވީ މި މަހުގެ 10އަކުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، "ޓެޕް ޓު ޕޭ" ނުވަތަ ކޮންޓެކްޓްލެސް މާސްޓަކާޑާއި ވިސާ ޑެބިޓާއި ކްރެޑިޓް ކާޑުން ހަދާފައިވާ ޓްރާންސެކްޝަންތަކަށް ކަމަށެވެ.

އެ ޓްރާންސެކްޝަންތައް ވެރިފައިވުމުގައި ލަސްތަކެއް ދިމާވީ ރެކޯޑުކުރެވިފައިވާ ޓްރާންސެކްޝަންތައް ސާވިސް ޕްރޮވައިޑާގެ ސާވާގައި ކިޔުވެފައި ހުރުމުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޓެކްނިކަލް މައްސަލައާ ގުޅިގެން ކާޑު މެދުވެރިކޮށް އެ މުއްދަތުގެ ތެރޭގައި ކާޑުން ފައިސާ ކަނޑާފައިވާ މީހުންގެ ފޯނަށް ފައިސާ ކެނޑުނުކަމުގެ ނޮޓިފިކޭޝަން މެސެޖު ލަހުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި، މި ޓްރާންސެކްޝަންތަކަކީ އެކި ފަހަރުމަތިން ކޮށްފައިވާ ދަތުރުތަކުގެ ޓްރާންސެކްޝަންތައް ކަމަށް ވާތީ، ކަސްޓަމަރުންގެ ފޯނަށް މެސެޖު ގޮސްފައިހުރީ, ހުރިހާ މެސެޖެއް އެއްފަހަރާ ކައިރި ކައިރީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

comment ކޮމެންޓް