ގާނޫނު އޮތް ގޮތުން ތިނަދޫ ސިޓީއަކަށް ވިޔަސް އޮންނާނީ ރަށު ކައުންސިލެއް

ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ: އޭނާ ވަނީ ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ ކަމަށް ބުނެފައި -- ސަން ފައިލް ފޮޓޯ

ގދ. ތިނަދޫއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ސިޓީއެއްގެ ދަރަޖަ ދެއްވި ނަމަވެސް، ގާނޫނު އޮތް ގޮތުން އެ ސިޓީގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް އެ ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެން އެ ކައުންސިލުން ވަނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެހެންވެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމީ ދައުރު ހަމަނުވި ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭނެ ކަމަށެވެ.

ކޮމިޓީން ނިންމީ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ އެންމެހައި ބާރުތަކާއި ފުރިހަމަ ހައިސިއްޔަތު ލިބޭނެ ކަމަށެވެ. އެހެންވެ، ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން ކަމާ ބެހޭ މުއައްސަސާތަކަށް އަންގަން ކޮމިޓީން ވަނީ ނިންމަައިފައެވެ.

އެކަމަކު، އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވަނީ ކޮމިޓީގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.

ފިލްޒާގެ ލަފާގައިވަނީ ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއިން، ރަށު ކައުންސިލެއް އިންތިޚާބުކޮށް ދައުރު ހަމަނުވަނީސް އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް އެ ސިޓީ ހިންގާނީ ރަށު ކައުންސިލުންކަން ސާފުވާ ކަމަށެވެ.

އެ ލަފާގައި ބުނެފައިވަނީ ސިޓީ ކައުންސިލެއް އުފެއްދި ނަމަވެސް ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރީގައި ސިޓީ ކައުންސިލެއް އުފައްދަން ގާނޫނުން ލާޒިމުނުކުރާ ކަމަށެވެ. އެހެންވެ، ދައުރު ހަމަވެ، ޖެހިގެން އަންނަ ކައުންސިލްގެ އިންތިޚާބުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރެވެންދެން ދެމިއޮންނާނީ ރަށު ކައުންސިލެއް ކަމަށް ފިލްޒާގެ ގާނޫނީ ލަފާގައި ވަނީ ބުނެފައެވެ.

އެހެންވެ، ރަށު ކައުންސިލަށް އިންތިޚާބުވި މެންބަރުންނަށް ސިޓީ ކައުންސިލްގެ މެންބަރުކަމާއި މޭޔަރުކަން ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފިލްޒާ ގަބޫލުކުރައްވައެވެ.

ފިލްޒާގެ ލަފައާ ގުޅިގެން މަޝްވަރާ ކުރުމަށް ފަހު މިއަދު ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެންނާށެވެ. އަދި، އިސްލާހު ގެނެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން ކޮމިޓީން ވަނީ ނިންމައިފައެވެ.

އެހެންވެ، ކޮމިޓީން މިއަދު ނިންމީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން މަޖިލީހަށް ހުށަހަޅާށެވެ.

comment ކޮމެންޓް