ތިނަދޫގައި ސިޓީ ކައުންސިލް އިދާރާ ގާއިމުކުރުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި: މިނިސްޓަރު

ސެޕްޓެމްބާރ 5، 2021: ގްރުއާން މާއްދާގެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. ތިނަދޫގައި ސިޓީ ކައުންސިލް އިދާރާއެއް ގާއިމުކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫއަކީ ސިޓީއެއް ކަމަށް މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކަނޑައެޅުއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް ޞާލިޙު، ތިނަދޫއަކީ ސިޓީއެއް ކަމަށް ނިންމެވި ނިންމެވުމަށް އަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އިހުތިރާމް ކުރައްވާ ކަމަށާއި ތިނަދޫއަކީ ސިޓީއެއް ކަމަށް މި ސަރުކާރުން ވެސް ބަލައިގަންނަ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިޓީއަކަށް ތިނަދޫ ވުމުން އެ ތަނުގައި ދާއިރާތަކެއް ކަނޑައެޅި ސިޓީ ކައުންސިލް އިދާރާއެއް ގާއިމްކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން އެކަން ކުރުމަށް މިވަގުތު ހުރަސްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގާނޫނީ ގޮތުން ބަލާއިރު އެ ރަށެއްގައި ރައްޔިތުން އިންތިޚާބުކޮށްގެން ތިބޭ ކައުންސިލަރުންގެ ހައްގުތަކެއްވާ ކަމަށާއި، ސިޓީއަކަށް ބަދަލުކުރި ނަމަވެސް އެ ކައުންސިލަރުންގެ ދައުރު ފުރިހަމަ ކުރުމުގެ ހައްގު އެ ގާނޫނުގެ ދަށުން ލިބިދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިނަދޫ ސިޓީއަކަށް ބަދަލުކުރި ހިނދު ކައުންސިލް ރައީސަކީ އޮޓޯއިން މޭޔަރަކަށް ބަދަލުވާނެ ފަރާތެއް ނޫން. ކަން މިހެން ހުރުމުން ސިޓީ ކައުންސިލެއް އެތަނުގައި އަދި ހެދޭކަށް ނެތް. މޭޔަރަކަށް ވާނެ ޖެހޭނީ ރައްޔިތުން ހޮވާ މީހަކު،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް ރައީސް މުއިއްޒާއެކު ވެސް ބައްދަލުވުންތައް ބާއްވަމުންދާ ކަމަށާއި އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އެކަމާ ގުޅިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ ވީހާވެސް އަވަހަށް އެކަމަށް ހައްލެއް ހޯދުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު ވަނީ މިހާރު ގާނޫނު އޮތް ގޮތުން އެކަމަށް ގެނެވޭނެ ދެ ހައްލެއް ބުނެދެއްވާފައެވެ.

"އެއް ގޮތަކީ ކައުންސިލްގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުން. ދެއްވައިފި ކަމަށް ވާނަމަ އަޅުގަނޑުމެންނަށް އިންތިޚާބެއް ބާއްވާފަ މޭޔަރަކު ހޮވިދާނެ. ދެވަނަ ގޮތަކީ، މިހާރު ގާނޫނުގައި އެ އޮތް ކައުންސިލަރުން ތިއްބަވާ ބައި، އެބޭފުޅުންނަށް ހައްގުވާ މިންވަރު ދެވޭނެ ގޮތް ހަދައި ގާނޫނަށް ބަދަލުގެނެސް އެކަން ކުރުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ގޮތެއް ނިންމުމުގައި މިހާރު ތިއްބެވި ކައުންސިލަރުންނަށް ވެސް ހައްގުވާ އެއްޗެއް ނުގެއްލޭ ގޮތަށް އެކަން ކުރެވޭނެ ފަރުވާއެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.

ކުރީ ސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް މުއިއްޒު އެކަމަަށް ވައުދުވެވަޑައިގަތް ފަހުންނެވެ.

ކުރީގެ ރައީސް ޞާލިޙު ތިނަދޫ ސިޓީއަކަށް ހެއްދެވީ އެ ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް އެދިފައިވަނިކޮށެވެ.

ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީއެވެ.

comment ކޮމެންޓް