ދިއްގަރު ފަޅު ހިއްކައިގެން ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަން ހަވާލުކޮށްފި

ދިއްގަރު ކައުންސިލް އާއި ފްލެކްސިން ޕްރައިވެޓް ލިމިޓެޑް އެއްބަސްވުމުގައި ސޮއި ކުރުން -- ފޮޓޯ: ދިއްގަރު ކައުންސިލް

މ. ދިއްގަރު ފަޅު ހިއްކައިގެން ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ހަތް މިލިއަނަށްވުރެ އަގުބޮޑު މަޝްރޫއެެއްގައި އެ ރަށު ކައުންސިލުން ސޮއިކޮށްފިއެވެ.

މި މަސައްކަތުގެ ހަވާލުކޮށްފައިވަނީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ.

ޖުމްލަ 30 މަސް ދުވަހުގެ ތެރޭ ނިންމަންޖެހޭ މި މަޝްރޫއުގެ ދަށުން ދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކައި، 150 ކޮޓަރި އަޅާނެއެެވެ. ހަމައެއާއެކު ފަޅުގައި ޕިކްނިކް އައިލެންޑެއް ވެސް ތަރައްގީކުރަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަދައްކަވަމުން ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން ވިދާޅުވީ، މި މަސަައްކަތަށް ޚަރަދުކުރުމަށް ބަޖެޓެއްގެ ގޮތުގައި ފަސްލައްކަ ޑޮލަރު ލިބިފައިވާކަމަށެވެ.

ދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ޓޫރިޒަމް ޒޯން -- ފޮޓޯ: ކައުންސިލް

އަދި ގިނަ އަދަދެއްގެ ދިއްގަރު ޒުވާނުންނަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބަޔަކަށްވުމުން މި ފުރުސަތަކީ ޒުވާނުންނަށް ރަށާއި ކައިރިން މަސައްކަތްކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމަށް ވެސް ނިޝާން ވަނީ ވިދާޅުވެފައެވެ.

ޕްރޮޖެކްޓާ ހަވާލުވުމަށްފަހު ފްލެކްސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފް ވިދާޅުވީ ފަޅު ހިއްކުމުގެ މަސައްކަތް ފަށަން މިހާރު އޮތީ ތައްޔާރުވެފައި ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑުމެން އަމަލީ މަސައްކަތް ފަށާނަން, އެ ޔަގީންކަން ދެން. ޕިކްނިކް އައިލެންޑެއް ވެސް އޮންނާނެ. ސީއެސްއާރުގެ ދަށުން އެ ކަން ކޮށްދޭނަން،" ނަޖާހު ވިދާޅުވިއެވެ.

ޓޫރިޒަމްގެ އިތުރު ބޮޑު މަޝްރޫއެއް ދިއްގަރުގައި ފަށަން ތައްޔާރުވެފައިވާއިރު، މި ރަށަކީ އެންމެ ފުރަތަމަ ހޯމް ސްޓޭ ޓޫރިޒަމް ވެސް ތައާރަފްކުރި ރަށެވެ.

ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން، އެ ރަށެއްގެ އިހްތިޞާސްގެ ތެރޭގައި ހުންނަ ތަންތަނުގައި މަޝްރޫއު ހިންގުމަށް އަމިއްލަ އަށް ހަވާލުކުރުމުގެ ފުރުސަތު އޮވެއެވެ.

އެއާއެކު ގިނަ ކައުންސިލްތަކަކުން އަންނަނީ ރަށަށް އާމްދަނީ ލިބޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ހަވާލުކުރަމުންނެވެ.

comment ކޮމެންޓް