ރޯދަ މަހުގެ ފަހު ދިހައެއްގައި ސަަރުކާރު ބަންދުކުރަން ނިންމައިފި

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ، އެގޮތަށް ނިންމަވާފައިވަނީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންތައްތަކަށް ރައްޔިތުންގެ ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"ރަމަޟާން މަހުގެ ފަހު 10އެއް ބަންދުކުރުމުގެ ވައުދަކީ 30 އޮގަސްޓު 2023ގައި ބ. އޭދަފުށީގައި ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅެއް،" ޝަހީބު ވިދާޅުވިއެވެ.

ރައީސް އޭދަފުށީގައި ދެއްކެވި ވާހަކަފުޅުގައި، ރޯދަމަހުގެ ފަހު 10 ދުވަސް ގްރޭޑް އަށަކުން ދަށުގެ ކުދިންނަށް ބަންދުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއަދުގެ ނިންމެވުމުގެ ތެރޭގައި އެ ނިންމެވުން ވެސް ހިމެނޭނެތޯ "ސަން"އިން ސުވާލުކުރުމުން ޝަހީބު ވިދާޅުވީ، މިއަދުގެ ނިންމުމުގައި އެކަން ވެސް ހިމެނޭނެ ކަމަށެވެ.

ނަމަވެސް ދެ ނިންމެވުމާ ގުޅޭ ގޮތުން ވެސް އޭނާ އިތުރު ތަފުސީލެއް ނުދެއްވައެވެ.

ކޮންމެ ރޯދަ މަހަކު ވެސް ސަރުކާރު މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ލުއިތައްދެއެވެ. އެގޮތުން އާންމުކޮށް ސިވިލް ސާވަންޓުން މަސައްކަތް ކުރަން ޖެހެނީ ހަތަރު ގަޑިއިރަށެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.

comment ކޮމެންޓް