ޞާލިހާ ދެކޮޅަށް ކެމްޕެއިން ކުރި މީހުންނަށް ޕާޓީ ޓިކެޓު ނުލިބޭނެ: އެމްޑީޕީ

ކުރީގެ ރައީސް ޞާލިޙް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި-- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަދި ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާ ދެކޮޅަށް ރިޔާސީ އިންތިޚާބުތެރޭ ކެމްޕެއިން ކުރި މީހުންނަށް މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ، އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކޮށްފައިވާ މީހަކު އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ހުށަހަޅައިފި ނަމަ އެކަން ބަލަން އޭނާގެ އަމިއްލަ ނަމުގައި ވެސް އެދޭނެ ކަމަށެވެ.

"[މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ] ޝަރުތު އުނިވާނެ ކަމެއް ނުވާނެ ކަމެއް ނޭންގޭ. އަޅުގަނޑު ބޭނުމެއް ނޫން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ކެމްޕެއިން ކޮށްފަ ހުރި ބޭފުޅަކު އެމްޑީޕީގެ ޓިކެޓިގައި ވާދަކުރުމުގެ ފުރުސަތު ލިބޭކަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެފަދަ މީހުންނަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގައި ހަމަވާން ޖެހެނީ ދެ ޝަރުތެކެވެ. އެއީ:

  • އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން.
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.

ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވިދާޅުވީ، ޝަރުތު ހަމަވޭތޯ ބެލުމުގެ ކުރިން އަޚުލާގީ މިންގަނޑަށް ބަލާނެ ކަމަށެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބުއްސައްތާރު ވިދާޅުވީ، ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ބައެއް މެމްބަރުންނަށް ފިޔަވަޅު އަޅާފައި ވާކަމަށެވެ. ނަމަވެސް، މަޖިލީހަށް ޓިކެޓު ދިނުމުގައި ބަލާނީ މިއަދާ ހަމައަށް އަޅާފައިވާ ފިޔަވަޅުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/186135

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލީ މިއަދެވެ.

comment ކޮމެންޓް