ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯއަކަށް ޝާހު

ޑރ. ޝާހު މާހިރު-- ސަން ފޮޓޯ

ކުރީގެ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަނުކުރައްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ރައްޒާގު ހަލީމް ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝާހު އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އޯގަސްޓު މަހުގެ 28ވަނަ ދުވަހުއެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޖޭޕީން ވަކިވެވަޑައިގަތުމަށްފަހުއެވެ. އެހެންވެ، އެ ޕާޓީގެ ސްލޮޓެއްގައި ކުރީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އޭރު ޝާހު ވިދާޅުވިއެވެ.

އަދި ނިމިދިޔަ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ޝާހު ވިދާޅުވީ، ސަރުކާރުގެ މަގާމަކުން އިސްތިއުފާ ދިނީ ކުރީ ސަރުކާރަށް ތާއިދު ނުކުރާތީ ކަމަށެވެ.

މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ދަ ޑިމޮކްރެޓްސްއާ ޝާހުވަނީ ގުޅިވަޑައިގެންފައެވެ.

ކޮވިޑް19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެލްތު މިނިސްޓްރީން ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ޝާހު ހިމެނުނު ނަމަވެސް، އެ މައްސަލަ ބެލުމަށްފަހު އޭސީސީން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ.

ޝާހަކީ ރާއްޖޭގެ ސިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބޭރުގެ ފާހަގަކޮށްލެވޭ ޔުނިވަސިޓީތަކުން ޝާހުވަނީ އެމްބީބީއެސް އަދި މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ.

comment ކޮމެންޓް