ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ކުއާޓާގެ ޖާގަތައް ކަށަވަރުވެއްޖެ

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2022ގެ އަންހެން ޑިވިޝަންގެ މެޗެއް ކުރިއަށްދަނީ -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުން ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުރިއަށްގެންދާ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ގްރޫޕު ސްޓޭޖުގެ މެޗުތައް އިއްޔެ ވަނީ ނިމިފައެވެ. ކުއާޓާއަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރީގައި އޮތް ދެ ޓީމުގެ އިތުރުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމެވެ.

ގްރޫޕުތަކުގެ އެއްވަނަ އަދި ދެވަނައިގެ ގޮތުގައި ކުއާޓާއިން ފުރުސަތު ހޯދީ ޕޫލު އެކެއްގެ އެއްވަނަ ޕޮލިސް ކްލަބާއި އެ ޕޫލުގެ ދެވަނަ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއާއި ޕޫލު ދޭއްގެ އެއްވަނަ އަލްމާ ސްޕޯޓްސް ކްލަބާއި އެ ޕޫލުގެ ދެވަނަ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ޕޫލު ތިނެއްގެ އެއްވަނަ ކްލަބު ވެމްކޯ އާއި އެ ޕޫލުގެ ދެވަނަ އަސްދިގާ ސްޕޯޓްސް ކްލަބެވެ. އަދި, ތިންވަނައިގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން ކުއާޓާގެ ފުރުސަތު ހޯދީ ޕޫލު އެކެއްގެ ތިންވަނަ ހިންމަފުށި ވިކްޓޯރިއަސް އެސްސީއާއި ޕޫލު ދޭއްގެ ތިންވަނަ ޔޫތު ނިއު ޖެނެރޭޝަނެވެ.

އަންހެން ޑިވިޝަންގެ ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:15ގައި ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 8:15ގައި ބައްދަލުކުރާނީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއާއި އަސްދިގާ ސްޕޯޓްސް ކްލަބެވެ. މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލްމާ ސްޕޯޓްސް ކްލަބާއި ހިންމަފުށި ވިކްޓޯރިއަސް އެސްސީއެވެ. އަދި, އެ ދުވަހުގެ ރޭ 8:15ގައި ބައްދަލުކުރާނީ ކްލަބު ވެމްކޯއާއި ޔޫތު ނިއު ޖެނެރޭޝަނެވެ.

ކުއާޓާގެ މެޗުތަކަށް ފަހު ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މި ފަހަރު 12 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް