ޑޮކްޓަރު ލިޔެެދޭ ބްރޭންޑުގެ ބޭސް ނޫން އެހެން ބްރޭންޑެއް ފާމަސީތަކުން ދޫނުކުރަން އަންގައިފި

ޣިޔާސުއްދީސް ސްކޫލުގައި އެސްޓީއޯއިން ގާއިމް ކުރި ޑިސްޓްރިބިއުޝަން ސެންޓަރު -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ދޫކުރުމަށް އަންގައިފައިވާނަމަ ފާމަސީތަކުން ބަލިމީހާއަށް ވިއްކަން ވާނީ ސީދާ އެ ބްރޭންޑުގެ ބޭސްކަމަށާއި، އެ ފަދައިން ޑޮކްޓަރު އެދިފައިވަނިކޮށް، އެދިފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން ހިނގާ ޓްރާންސެކްޝަންތަކަށް ފައިސާ ދޫނުކުރާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެެވެ.

އިއްޔެ އާސަންދައިން ނެރުނު ބަޔާނެއްގައިވަނީ ވަކި ބްރޭންޑެއްގެ ބޭސް ބަލި މީހާއަށް ދޫކުރަން ޑޮކްޓަރު ބޭނުންވާނަމަ އެ ފަަދައިން ބޭސް ސިޓީގައި ސާފުކޮށް ލިޔަންވާނެކަމަށެވެ.

އަދި އެ ފަދައިން ޑޮކްޓަރު އެދިފައިވަނިކޮށް ބޭސް ފިހާރައިން އެ ނޫން ބްރޭންޑަކުން އެ ބޭސް ދޫކޮށްގެންނުވާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި އެ ބްރޭންޑުގެ ބޭސް، އެ ބޭސް ފިހާރައެއްގައި އާސަންދަ ސްކީމުގެ ތެރެއިން ދޫކުރެެވެން ނެތްނަމަ ބޭސް ނަގަންދާ މީހާއަށް އެކަން އޮޅުން ފިލުވައިދޭންވާނެކަމަށް ވެސް ކުންފުނިން ބުންޏެވެ.

"ބޭހުގެ އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔުއްވައިހާ ހިނދަކު ބޭސް ފިހާރައިން ބިލްކުރަންވާނީ ބޭސް ފިހާރައިން ބަލި މީހާއަށް ދޫކުރި ބްރޭންޑަށެވެ،" އެ ކުންފުނިން ބުންޏެވެ.

އެއާއެކު ޑޮކްޓަރު ލިޔުނު ބްރޭންޑުގެ ބޭސް އެއްވެސް ބޭސް ފިހާރައަކުން ނުލިބިއްޖެނަމަ ބޭސް ބަދަލުކުރުމަށް ބަލި މީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެކަމަށް ވެސް އާސަންދައިން ބުންޏެވެ.

ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރުން އެދޭ ހާލަތުގައި އެ ނޫން ބްރޭންޑެއްގެ ބޭހެއް ބޭސް ފިހާރައިން ދޫކޮށް، އާސަންދައަށް ބިލްކޮށްފިނަމަ އެފަދަ ޓްރާންސެކްޝަންތައް އާދިއްތަ ދުވަހުން ފެށިގެން ރިޖެކްޓުކުރާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި އާސަންދައިން ހަރުކަށި ފިޔަވަޅެއް އަޅަން ނިންމިއިރު މީގެ ކުރިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވަނީ އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖޭގެ ފާމަސީތަކަށް ބޭސް ވިއްކުމުން ފައިސާ ދިނުމަށް ކަމަށް ވިދާޅުވެފައެވެ.

އަދި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ޒީނިޔާވަނީ ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް