އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ވައުދެކެވެ.
މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފުކޮށް، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
މިއަދު ތަޢާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް 19 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްޞަ ކޮށްފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.
އެ ގޮތުން މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ވަނީ މި އަހަރުގެ އެކެއް ޖެނުއަރީގައި ހަމަޖައްސާފައެވެ. އެ އުސޫލުގެ ދަށުން، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު އިތުރު ޗެކަޕެއް އާސަންދައިގެ ދަށުން ހެދޭނެއެވެ.
އާސަންދަ ޚިދުމަތް ފުޅާކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ޚިދުމަތަށް ކުރަން ޖެހޭ ހޭދަ އިތުރުވުމަކީ ކަންބޮޑުވުމެކެވެ. މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.