ސަރުކާރުން ހިލޭ ބޯންމެރޯ ހަދައިދޭ ފުރަތަމަ ކުއްޖާ ފުރައިފި

ތެލަސީމިއާ ސެންޓަރުގައި، ތެލަސީމިއާ ހުންނަ ކުދިންނަށް ލޭ އަޅައިދިނުން -- ސަން ފޮޓޯ

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފުރަތަމަ ކުއްޖާ މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، ހިލޭ ބޯންމެރޯ ހެދުމަށް އިތުރު ޕޭޝެންޓުން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މިވަގުތު 40 ކުދިން ލިސްޓުކުރެވިފައި އެބަތިބި ބޯންމެރޯ ފަރުވާއަށް އެދޭ. އެކުދިންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބޯންމެރޯއަށް މަގުފަހިކޮށްދީ އޭގެ ފަހަށް ނިޒާމީ ގޮތެއްގައި، މަޑުކުރަން ނުޖެހި ކޮންމެ އަހަރަކު އެދޭ ކޮންމެ ކުއްޖަކަށް ނިޒާމުގެ ތެރެއިން ޚަރަދު ހަަމަޖައްސައި ދެވިގެން، ހިލޭ ބޯންމެރޯއާ ދިމާލަށް ދެވޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމުކުރަމުން މިދަނީ، ފިރުޒުލް ވިދާޅުވިއެވެ.

ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދަނީ އެ އަމާޒު ހާސިލުކުރުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު -- ފޮޓޯ/ ރައީސް އޮފީސް

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން މީޑިއާތަކާ ހިއްސާކުރި ބަޔާނެއްގައިވާ ގޮތުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު ހަތަރު ކުއްޖަކު ބޯންމެރޯ އޮޕަރޭޝަނަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ތެލެސީމިއާ ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިނާއި އެހެނިހެން އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ، ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އިންތިޒާމްގެ ދަށުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދިޔުމަށް ކަމަށެވެ.

އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށާއި ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

https://sun.mv/185897

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

comment ކޮމެންޓް