ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް އާ އަހަރު ފެށެންވާއިރަށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "ސަން"އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އިންޓީރިއާގެ މަސައްކަތްތަކާއި ފިނިޝިންގެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
މަސައްކަތްކުރަމުން އަންނަނީ މި މަހުގެ ފަހުކޮޅު ނުވަތަ، އާ އަހަރަށް އެ މަސައްކަތް ނިންމައި އެ ތަންތަނަށް ފުލުހުންނަށް ވަދެވޭވަރުކުރުމަށް ކަމަށް ޔޫނުސް ވިދާޅުވިއެވެ.
އެއާއެކު މިހާރު ވެސް ފްލެޓް ލިބުނު ފުލުހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަސައްކަތްކުރަނީ މި މަހު ފަހުކޮޅަށް ފިނިޝިން މަސައްކަތްތައް ނިންމައިލަން. އަދި މުވައްޒަފަކު ދިރިއުޅޭކަށް ނުއެއް ފަށާ. އެކަމު އާ އަހަރު ފެށެންވާއިރަށް ވަދެވޭވަރުކުރުން އަމާޒަކީ،" އޭނާ ވިދާޅުވިއެވެ.
ފުލުހުންނަށް ޚާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް (ޕޮލިސް ކޯޕަރޭޓިވް) ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ލަސްވެ މިއަދާ ހަމައަށް އައި އިރު ވެސް މުޅި މަަސައްކަތް އެއްކޮށް ނުނިމެއެވެެ.
އެ މަސައްކަތް ވެރިކަމާ ހަވާލުވެ، އަހަރެއްގެ ތެރޭ ނިންމަވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވިއިރު، އެ މުއްދަތުގެ ތެރޭގައި ވެސް އެ މަސައްކަތް ނުނިމެއެވެ.
މަސައްކަތް ލަސްވާތީ ޕޮލްކޯ ކުރަމުން އައި މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ހަވާލުވެ 250 މިލިއަން ރުފިޔާއަށް އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި ކަމަށް ވެސް މީގެ ކުރިން އެ މިނިސްޓްރީން ބުންޏެވެ.
ފުލުހުންގެ ފްލެޓްތަކުގެ ޖުމުލަ 361 ޔުނިޓުގެ ތިން ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްކޮށް 1100 އަކަ ފޫޓެވެ.