ދަރިމައިވުމާ ގުޅޭ ފަރުވާ މިއަދުން ފެށިގެން އާސަންދައިން ލިބޭނެ

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ

ހުސްނުވާ އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ލިބޭ ގޮތަށް، އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، މިއަދުން ފެށިގެން އާސަންދައިގެ ދަށުން ލިބޭ ދަރިމައިވުމުގެ ފަރުވާގެ ތެރޭގައި އައިވީއެފް އާއި ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ ފަރުވާ ހިމެނޭނެ ކަމަށެވެ.

"އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާސަންދަ ކުންފުނިން އިދާރީ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު މި ފަރުވާތަކުގެ ތެރެއިން އައިވީއެފް ޚިދުމަތްތައް ވެސް ކައިރި މަދު ހަފުތާތަކެއްގެ ތެރޭގައި ރައްޔިތުންނަށް ބޭނުން ހިފެން ފަށާނެ ކަމަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ގެޒެޓުކުރި އިސްލާހުގައިވާ ގޮތުން ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭން ވާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުންނެވެ. އެ އުސޫލު އާންމުކޮށް ޝާއިއު ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށަން ޖެހެނީ ގެޒެޓުގައި ގަވައިދު ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

comment ކޮމެންޓް