ފުވައްމުލަކު ފަރަށް އެރިކަން ދޮގުކުރި ބޯޓު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ފުވައްމުލަށް ތޮށިލާ ސަރަހައްދަށް ފަރަށް އެރި ބާޖު ---

ފުވައްމުލަކު ސިޓީ ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް ފަރަށް އެރި މައްސަލައިގައި އެ ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން އިއްޔެ ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ''އޮލިމްޕިކް ކަންޑިލޯ'' ކިޔާ އެ ބާޖު މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ފުވައްމުލަކު ފަރަށް އުރި، އެ ބާޖަށް ބަރުކޮށްފައިވާ ބޮޑު ހިލަތައް ފަރު މައްޗަށް އެޅުނު ސަރަހައްދު އެ އޭޖެންސީން ވަނީ ސާވޭކޮށްފައެވެ.

އެ ސާވޭއިން ފަރުގެ 4،306 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ދެނެގަނެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެ އޭޖެންސީން ބުނީ، ފަރަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅި ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162 މިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ކަމަށްވުމުން، އެ އަދަދުން ޖޫރިމަނާ ކުރަން ނިންމީ ކަމަށް އީޕީއޭއިން ބުންޏެވެ.

އެ ޖޫރިމަނާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް، ބާޖުގެ ވެރިފަރާތަށް އިއްޔެ އަންގައިފައިވާ ކަމަށް އެ އޭޖެންސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބާޖު ފަރަށް އުރުމުން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

އެ ބާޖު ފަރަށް އެރި ކަމަށް އީޕީއޭ އާއި ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ނަމަވެސް، އެ ބާޖުގެ ވެރިފަރާތުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ ބާޖު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް މީގެ ކުރިން އީޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް