އެޑިއުކޭޝަންގެ ސްޓޭޓު މިނިސްޓަރުކަމަށް ސީއެޗްއެސްސީގެ ޕްރިންސިޕަލް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި އައިޝަތު ސޮފޫރާ -- ފޮޓޯ/ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސީއެޗްސީގައި ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު ސޮފޫރާ މިއަދު އައްޔަންކޮށްފިއެވެ.

ސޮފޫރާއާ އެކު މި ވަގުތު އެޑިއުކޭޝަން މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވެ. އެއީ, ޑރ. އަޙްމަދު މުޙައްމަދާއި ޑރ. އަބްދުއްލަތީފް މުޙައްމަދެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓޭޓު މިނިސްޓަރަކަށް އައްޔަންކުރެއްވި ސޮފުރާ ވަނީ މިދިޔަ އަހަރު ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ޑިގުރީ ހާސިލްކުރައްވައިފައެވެ. އޭނާ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލިކުރެއްވީ ބެންގަލޫރުގެ ޔުނިވާސިޓީންނެވެ. އަދި، ސައިންސްގެ ދެ ދާއިރާއަކުން އޭނާ ވަނީ ޑަބަލް މާސްޓާސް ފުރިހަމަކޮށްފައެވެ.

ހަމައެއާ އެކު އާޓްސް އިން މެތްސް، ސައިންސް އެންޑް ޓެކްނޮލޮޖީން އޭނާ ވަނީ 2006 ވަނަ އަހަރު މާސްޓާސް ހާސިލުކުރައްވައިފައެވެ.

ސީއެޗްސީގައި ސޮފުރާ ވަނީ 22 އަހަރު ޚިދުމަތްކޮށްފައެވެ. އަދި، ތިން އަހަރު މަޖީދިއްޔާ ސުކޫލުގައި ވެސް ވަނީ ވަޒީފާ އަދާކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެން އަންނަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އެ މަނިކުފާނު ވަނީ 21 ބޭފުޅުން ވަޒީރު ފެންވަރުގައި މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އަދި، 70 އަށްވުރެ ގިނަ ނައިބު ވަޒީރުން ވެސް އައްޔަންކުރައްވައިފައެވެ.

comment ކޮމެންޓް