ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަލީ އާދަމްގެ ސުލޫކީ މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވެގެން ދެ ފަހަރެއްގެ މަތިން އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެންގި ނަމަވެސް މަޖިލީހުގައި އެ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކޮށްފައެވެ. އެގޮތުން، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ ކޯޓު މެޖިސްޓްރޭޓެއްގެ މަގާމަށް ވަނީ ބަދަލުކޮށްފައެވެ.
އެ މައްސަލައިގައި އޭނާއާ ސުވާލުކުރަން ކޮމިޓީއަށް ހާޒިރުވާން އެންގުމުން ކޮމިޓީއަށް ވެސް ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ، ކޮމިޓީން ވަނީ އޭނާ ވަކިކުރަން ނިންމައިފައެވެ.
އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން މިއަދު ވަނީ މަޖިލީހުގައި ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި ބައިވެރިވީ 47 މެންބަރުންގެ ތެރެއިން 46 މެންބަރުން ވަނީ އޭނާ ވަކިކުރަން ވޯޓު ދެއްވައިފައެވެ. އަލީ އާދަމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
އެހެންވެ، އެ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރިކަން އިއުލާނުކުރައްވައިފައެވެ.
އަލީ އާދަމާ ގުޅިގެން ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެއް ޖޭއެސްސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭނާ ވަނީ އެ މައްސަލައިގައި ސަސްޕެންޑު ވެސް ކޮށްފައެވެ.
މި ކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.