ސައްޙަ ނޫން 100 ޑޮލަރުގެ ނޫޓު އެބަ ދައުރުވޭ: އެމްއެމްއޭ

މީހަކު ޑޮލަރުތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ

އެމެރިކާ ޑޮލަރުގެ 100ގެ ސައްޙަ ނޫން ނޫޓް، ދައުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެމްއެމްއޭއިން މިއަދު ބުނީ ދައުރުވާ ސައްޙަ ނޫން ނޫޓުތަކަކީ 1996 އިން 2016 އާ ދެމެދުގެ ތާރީޙުގެ ތެރޭގައި ޕްރިންޓުކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ނޫޓްތަކެއް ކަމަށެވެ.

ސައްޙަ ނޫން ނޫޓްތަކުން އެމްއެމްއޭއަށް ފާހަގަ ވެފައިވާ ކަންކަން:

  • ސައްޙަ ނޫޓާ ތަފާތު ކަރުދާހެއްގައި ޕްރިންޓް ކޮށްފައި ހުރުން
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާތް ފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ވޯޓާ މާކް، ސައްޙަ ނޫޓާ ތަފާތުކޮށް ހުރުން
  • ނޫޓު އައްޔަން ދިއްކުރުމުން ފެންނަން ހުންނަ "USA100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން.
  • ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަން ޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން.
  • ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބާ ނެތުން.
  • ނޫޓުގެ ކަނާތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަލިކުރުމުން ކުލަ ބަދަލުނުވުން.

އެމްއެމްއޭއިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ގަތުމުގެ ކުރިން ސަމާލުވުމަށް އެދޭ ކަމަށެވެ.

ޑޮލަރުގެ ސައްހަ ނޫން ނޫޓްތަކެއް ދައުރުވަމުންދާއިރު ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން މިހާރު ލިބެނީ 18ރުފިޔާއަށެވެ. އެ އަގުގައި ޑޮލަރު ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޑޮލަރުގެ އަގު ބޮޑުވުމާ އެކު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެއެވެ.

comment ކޮމެންޓް