ލޯކަލް ގަވަމަންޓް އޮޓޯރިޓީ (އެލްޖީއޭ)އާއި ޔޫއެންޑީޕީ ގުޅިގެން ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ޚާއްސަ ފޯރަމެއް ފަށައިފިއެވެ.
މި ފޯރަމް ފަށާފައިވަނީ މިއަދު ހެނދުނު މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އެލްޖީއޭގެ އިސްވެރިން އަދި ޔޫއެންޑީޕީގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ފޯރަމްގެ މަގުސަދަކީ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވަނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމުސީލު ކުރާ މިންވަރު އިތުރުކޮށް، އަންހެން ކައުންސިލަރުންނާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ މީހުން އެއްކޮށް މަޝްވަރާކޮށް ހިޔާލާއި މައުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ގާއިމުކޮށްދިނުމެވެ. މި ފޯރަމްގައި ޖެންޑާ ސެންސިޓިވް ޕޮލިސީތަކާ ގުޅޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރެވޭނެއެވެ.
މި ފޯރަމް ކުރިއަށްދާނީ ދެ ދުވަހަށެވެ. އަދި، ފޯރަމްގައި ރާއްޖޭގެ ކޮންމެ އަތޮޅަކާއި ސިޓީއެއް ތަމުސީލު ކުރުމަށް އަންހެން ކައުންސިލަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ސަރުކާރު އިދާރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ ގިނަ ކަމަށެވެ. ނަމަވެސް މަތީ މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު މަދުވުމުގައި މައްސަލައެއް އުޅޭކަމަށް އެ ކަމަނާ ފާހަގަ ކުރެއްވިއެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް ފުރުސަތު ނެތީކީ ނޫން. އެހެން ނަމަވެސް ފުރުސަތުގައި އަޅުގަނޑުމެން މަސައްކަތް ކުރުމުގައި އަޅުގަނޑުމެންގެ ރޯލު ތަފާތުވުމާ އެކު އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ގިނަ ގޮންޖެހުންތައް މިފަދަ ކަންކަމުގައި ކުރިއަށް ދިއުމަށްޓަކާ،" އެކަމަނާ ވިދާޅުވިއެވެ.
އެހެންކަމުން މި ގޮންޖެހުންތައް ދެނެގަތުން މުހިންމުކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ރޯލު ވަރަށް ބޮޑުކަމަށް އެކަމަނާ ވިދާޅުވިއެވެ.