ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅުމަށް ތައްޔާރުވެއްޖެއެވެ.
އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ އައްޑޫ ސްޕޯޓްސް ކްލަބު، ސިޓީ ސްޕޯޓްސް ކްލަބު، ކްލަބު އާބަންކޯ އަދި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް (އޭއޭއައި) ސްޕޯޓްސް ކްލަބެވެ. އެ ޓީމުތަކުން ސެމީގެ ޖާގަތައް ހޯދާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކުޅުނު ކުއާޓާގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:15ގައި ބައްދަލުކުރާނީ އައްޑޫ ސްޕޯޓްސް ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އާބަންކޯ އާއި އޭއޭއައި ސްޕޯޓްސް ކްލަބެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 23 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުން ފުރުސަތު ލިބިގެންދާނެއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗު ވެގެންދިޔައީ ވާދަވެރި މެޗަކަށެވެ. ކްލަބު ހާފް ލައިން ލިންކޭޖާ ދެކޮޅަށް ކުޅެ، އެ މެޗުން އައްޑޫ ސްޕޯޓްސް ކްލަބު މޮޅުވީ 3-2 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 25-22 އިން ކްލަބު ހާފް ލައިން ލިންކޭޖުން ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓު 17-25 އިން އައްޑޫ ސްޕޯޓްސް ގެންގޮސްފައިވާ އިރު، ތިންވަނަ ސެޓު އަލުން ކްލަބު ހާފް ލައިން ލިންކޭޖުން ގެންދިޔައީ 27-25 އިންނެވެ. އަދި އައްޑޫ ސްޕޯޓްސް ކްލަބުން ފަހު ދެ ސެޓު ގެންދިޔައީ 17-25 އަދި 10-15 އިންނެވެ.
ކުއާޓާގެ ދެވަނަ މެޗުގައި ކްލަބު އާބަންކޯއާއި ރަންވެލި ސްޕޯޓްސް ކްލަބު ބައްދަލުކުރަން އޮތް ނަމަވެސް، އެ މެޗު ރަންވެލިން ވަނީ ދޫކޮށްލައިފައެވެ. އެހެންކަމުން 25-0، 25-0 އަދި 25-0 އިން ސެޓުތައް ކްލަބު އާބަންކޯއަށް ވަނީ ލިބިފައެވެ.
ކުއާޓާގެ ތިންވަނަ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. ސިޓީ ސްޕޯޓްސް ކްލަބުން މެޗުގެ ސެޓުތައް ގެންދިޔައީ 15-25، 11-25 އަދި 13-25 އިންނެވެ.
ކުއާޓާގެ ފަހު މެޗުގައި އޭއޭއައި ސްޕޯޓްސް ކްލަބުން ބީޖީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އޭއޭއައި ސްޕޯޓްސް ކްލަބުން ގެންދިޔައީ 25-13، 25-22 އަދި 25-20 އިންނެވެ.
މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޖުމުލަ 15 ޓީމަކުން ވާދަކުރެއެވެ.