ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާޓީ އޮފީހަށް ވަޑައިގެން އެ މަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީއަށް ސޮއި ކުރެއްވުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން އަނެއްކާ ވެސް އެ މައްސަލަ ބަލަމުން ދާ ކަމަށް ބުނެފިއެވެ.
މިކާމަ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްއިން ބުނީ އާއްމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީއަށް ސޮއިކުރަން ގާނޫނުން މަނާ ނުކުރާ ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވާން ޕާޓީ އޮފީހަށް ދިޔަ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކުރެއްވި ފަހުން ގެކޮޅަށް ބަދަލުކުރިއެވެ. އަދި ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން އެ މަނިކުފާނަށް ދިނެވެ.
އެއާއެކު އެ މަނިކުފާނު އޭރު ހުންނެވި ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސިޔާސީ މަސައްކަތްތައް ކުރެއްވުމުން އެ މަނިކުފާނަށް ލުއި ދިނުމުގެ އިގުރާރާ ޚިލާފުވޭތޯ ބަލައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން ދިނެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވާތީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ހަޔެއްގައި ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ. އެއާއެކު އިންތިޚާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެންގެވި ނަމަވެސް ޕާޓީން އެއާ ދެކޮޅަށް ނިންމައި، ރައީސް މުއިއްޒާއެކު ކުރިއަށްދާން ނިންމިއެވެ.
ރައީސް މުއިއްޒުގެ ކެންޑިޑޭސީއަށް ޔާމީން އެންމެ ފަހު ވަގުތު ތާއިދުކުރެއްވިއެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ކޯލިޝަން ދޫކުރައްވައި، އާ ޕާޓީ އުފެއްދުވުމުގެ މަސައްކަތް ފައްޓަވައިފައެވެ.