ޢީރާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ސަޢުދީ ޢަރަބިއާގެ ޤައުމީ އެއަރލައިން ސަޢުދިއާ. ފޮޓޯ/ގަލްފް ނޫސް

ޢީރާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަށް އަންނަ ހަފުތާގައި ރަސްމީ މަޝްވަރާތައް ކުރަން ފަށާނެ ކަމަށް ސައުދީން ބުނެފިއެވެ.

އީރާނާއި ސައުދީއާ ދެމެދު ގަވާއިދުން ސީދާ ދަތުރުތައް ފެށުމަކީ ވާދަވެރިކަން އިތުރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ޗައިނާ މެދުވެރިކޮށް މާޗު މަހު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ދެ ގައުމުން ޚާރިޖީ ގުޅުންތައް އަލުން ގާއިމްކުރީ މެދުއިރުމަތީގެ މުޅި ސަރަޙައްދުގެ ސަލާމަތަށް ނުރައްކާވެ، އިރާގާއި ސޫރިއާ އަދި ޔަމަނުގެ ހަމަނުޖެހުންތައް އޮތްތާ ދުވަސްގަނޑެއް ފަހުންނެވެ.

"ޢިރާނުގެ ވެރިރަށް ތެހެރާނުން ސަޢުދީގެ ވެރިރަށް ރިޔާދަށް، ނުވަތަ އެހެން ސިޓީތަކަށް ސީދާ ދަތުރުތައް ފެށުމަށް އެއްވެސް ހުރަހެއް ނެތް،" ސަޢުދީގެ ތަރައްގީއާ ބެހޭ ވަޒީރުގެ ނާއިބު މުހައްމަދު މުޙައްމަދީބަޚްޝް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.

ސަޢުދީ ޢަރަބިއްޔާގެ މާތްވެގެންވާ މައްކާއަށް އަހަރަކު އެއްފަހަރު މުސްލިމުން ކުރާ ހައްޖަށް ދިއުމަށް ދަތުރުކުރާ ފްލައިޓްތައް ނޫން އެހެން ދަތުރުތައް އީރާނުން އެގައުމަށް ބާއްވަން ދެ ގައުމުގެ އޮފިޝަލުން ހިމެނޭ ވޯކިން ގްރޫޕަކުން އަންނަ ހަފުތާގައި މަޝްވަރާ ކުރަން ފަށާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޢިރާނާއި ސަޢުދީ ޢަރަބިއާއާ ދެމެދު ސީދާ ދަތުރުތައް ނުކުރާތާ ވަނީ އެތައް އަހަރެއް ވެފައެވެ. ދަތުރުތައް އަލުން ފަށާއިރު، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރަން ހަމަޖެހިފައިވާ އެއާލައިންތަކުގެ ލިސްޓެއްވެސް ސަޢުދީން މިހާރު އޮތީ ތައްޔާރުކޮށްފައެވެ.

ޝީއީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ޢިރާނާއި ސުންނީ ރަސްކަން އޮންނަ ސަޢުދީ ޢަރަބިއްޔާއިން ދެ ގައުމުގެ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ޝީއީ މުސްލިމް ދީނީ އިލްމުވެރިއަކު މަރާލުމާ ގުޅިގެން ތެހެރާނުގައި ހުންނަ ރިޔާދުގެ އެމްބަސީއަށް އިރާނުގެ އާންމު ރައްޔިތުން ވަދެގަތުމުންނެވެ.

comment ކޮމެންޓް