އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ސިސްޓަމްތައް ހިންގުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮފިޝަލުން ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޔޫރަޕް ވެގެންދާނީ އޭއައި ބޭނުންކުރުމުގެ ކަންކަން ބަލަހައްޓާ ގާނޫނުތައް ގާއިމުކުރާ ފުރަތަމަ ބޮޑު ބާރަށެވެ. އީޔޫގެ މެންބަރު ގައުމުތަކާއި ޔޫރަޕިއަން ޕާލަމެންޓުގެ މަޝްވަރާވެރިން ވަނީ ހުކުރު ދުވަހު އެއްބަސްވުން ފައިނަލްކޮށްފައެވެ.
މި ގާނޫނުގެ މަގުސަދަކީ އަސާސީ ހައްގުތަކާއި ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް އޭއައި އަދާކުރާ ދައުރު މޮނިޓާކޮށް ބެލެހެއްޓުމެވެ. އެގޮތުން ބަޔޯމެޓްރިކް ސަވައިލަންސް، ސޯޝަލް ސްކޯރިން އަދި ޑީޕްފޭކްއާއި މީޑިއާ މެނިޕިއުލޭޝަން ފަދަ ދާއިރާތަކުގައި އޭއައިގެ ބޭނުންތަށް ކުރާ ގޮތް ރެގިއުލޭޓް ކުރާނެއެވެ.
މި ގަވާއިދުގެ ދަށުން ޗެޓްޖީޕީޓީ ފަދަ ފައުންޑޭޝަން މޮޑެލްތައް ނެރުމުގެ ކުރިން އެ އުފައްދާ ފަރާތްތަކުން އީޔޫއިން ކަނޑައަޅާ ޓްރާންސްޕޭރެންސީ ޝަރުތުތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެއްބަސްވެފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން އޭއައި ބޭނުންކޮށްގެން އާޓިކަލް އުފެއްދުމާއި، ކޮމްޕިއުޓާ ކޯޑް ޖެނެރޭޓް ކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. އަދި، ޓެރަރިޒަމްގެ ހަމަލާތައް ހުއްޓުވުމާއި ބޮޑެތި ކުށްތައް ތަހުގީގުކުރުން ފަދަ ކަންކަމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ފޭޝަލް ރެކޮގްނިޝަން ބޭނުން ކުރުމުގެ ހުއްދަ ވެސް އޮންނާނެއެވެ.
އީޔޫގެ ކޮމިޝަނަރު ފޯ ދަ އިންޓާނަލް މާކެޓް ތިއެރީ ބްރެޓަން ވަނީ ވަގުތީ އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ނަމަވެސް ބައެއް ޕްރައިވެސީ ގްރޫޕްތަކުން ބުނަނީ މި އެއްބަސްވުމުގެ ސަބަބުން މަދަނީ މިނިވަންކަން އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ނުކުރެވޭ ކަމަށެވެ. ވިޔަފާރީގެ ޖަމިއްޔާތަކުން ވެސް އެ ގަވައިދުތަކަށް ދަނީ ފާޑުކިޔަމުންނެވެ. އެ މީހުން ބުނަނީ އެއީ މާ ބޮޑަށް އެއްފަރާތަށް ބުރަވާ ގޮތަށް އޮތް ޤަވާއިދެއް ކަމަށެވެ.
އީޔޫއިން އެކުލަވައިލި އެއްބަސްވުން ނުވަތަ ޤަވާއިދު 2024 ވަނަ އަހަރުގެ ކުރީކޮޅު ރަސްމީކޮށް ނެރެވޭނެ ކަމަށް އީޔޫއިން ދެކެއެވެ. އީޔޫއިން ބުނީ ރަސްމީކޮށް އެ ޤަވާއިދު ނެރުމަށް ފަހު އީޔޫގެ އުސޫލުތައް ގައުމީ ގާނޫނުތަކަށް ތަރުޖަމާ ކުރުމަށް މެންބަރު ގައުމުތަކަށް ދެ އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
މިފަދަ އެއްބަސްވުމަކަށް އީޔޫއިން އައިސްފައިވަނީ ޗެޓްޖީޕީޓީ ފަދަ އޭއައި މޮޑެލްތަކުން އިންސާނުން ފަދައިން ވާހަކަ ދެއްކުމާއި ވިސްނުމާއި ލިޔުމުގެ ގާބިލުކަން ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ. އަދި، އޭއައިގެ ނުރައްކާ މުސްތަޤުބަލުގައި ދުވަހަކު ވެސް މީހަކު ހީވެސް ނުކުރާ މިންވަރަށް ހިނގައިދާނެކަމަށް ބައެއް ތަޖުރިބާކާރުން ބުނަމުންދަނިކޮށެވެ.