މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅަނީ -- ފޮޓޯ/ ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އަނެއްކާ ވެސް ދިއްގަރު ދާއިރާއަށް ވާދަކުރައްވަން ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅައިފިއެވެ.

ނާޒިމަކީ ކުރިން ވެސް ދިގު މުއްދަތެއް ވަންދެން ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ކުރީގެ ޕީޕީއެމް ސަރުކާރުގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމް ކުރުމުން އޭނާގެ ގޮނޑި ގެއްލުނީއެވެ. އޭގެ ފަހުން ނިމުނު 19 ވަނަ މަޖިލީހަށް ވެސް އޭނާ ވާދަކުރެއްވިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭނާ މި ފަހަރު ވެސް ވާދަކުރައްވަނީ ދިއްގަރު ދާއިރާއަށެވެ.

ނިމުނު 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެ އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އިކްރާމް ހަސަނެވެ. އޭނާއަށް 1،012 ވޯޓު ލިބުނުއިރު، ނާޒިމަށް ލިބުނީ 751 ވޯޓެވެ. ދެން އެ ދާއިރާއަށް އެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރެއްވި ހީނާ ވަލީދަށް ލިބުނީ 275 ވޯޓެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ، ކުރީގެ އެޓޮލްސް މިނިސްޓްރީއަށް ދިދަތަކެއް ގަތުމަށް މަކަރާއި ހީލަތުން ޕްރޮޖެކްޓެއް ކާމިޔާބު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ސާބިތުވުމުންނެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.

https://sun.mv/112903

އެކަމަކު، ސަރުކާރު ބަދަލުވުމާ އެކު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްފައެވެ.

ނާޒިމަކީ ޔާމީން ޕީއޭގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން އުޅުއްވި ދުވަސްވަރު ޔާމީނާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ފަހުން ޔާމީން ސަރުކާރުގައި ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، ފަހުން ނާޒިމް ޖަލަށްލީއެވެ.

އޭގެ ފަހުން ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ނާޒިމް ހުށަހެޅިއެވެ.

ނިމުނު ރިޔާސީ އިންތިޚާބު ތެރޭގައި ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންފައެވެ. އެކަމަކު، ފަހުން އަނެއްކާ ވެސް އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް