ޕަރިނީތީގެ ޒަވާޖީ ހަޔާތް ވަރަށް އުފާވެރި

ޕަރިނީތީ ޗޯޕްޅާ ފިރިމީހާ ރާގަވް ޗައްދާއާ އެކު

ދާދި ފަހުން ޒަވާޖީ ޙަޔާތެއް ފެށި ބޮލީވުޑްގެ ބަތަލާ ޕަރިނީތީގެ ކައިވެނީގެ ޙަޔާތް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ފިރިމީހާ ރާގަވްއާ ދެ މީހުން މުޅީން ތަފާތު ދެ ދާއިރާއަށް ނިސްބަތްވުން ކަމަށް ބަތަލާ ބުނެފިއެވެ.

ނެޓްފްލިކްސްގައި ދާދި ފަހުން ސްޓްރީމްކުރަން ފެށި "މިޝަން ރާނީގަންޖް"ގެ ބަތަލާ ބުނީ ސިޔާސީ ދާއިރާއަށް ނިސްބަތްވާ މީހަކަ ކައިވެނިކުރުމާ މެދު މީގެ ކުރިން ވަރަށް ދެކޮޅު ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ޙަޔާތުގެ ބާކީއޮތް ދުވަސްތައް ހޭދަކުރުމަށް ބަތަލާ ޚިޔާރުކުރީ އިންޑިއާގެ ޒުވާން ސިޔާސީ ލީޑަރު ރާގަވް ޗައްދާއެވެ.

އިންޑިއާގެ ގުޖްރާތުގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ޕަރިނީތީ ބުނީ ފިރިމީހާ ރާގަވަކީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުން ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްވެސް ވަރަކަށް ރާގަވްއަށް ނޭނގޭ ކަމަށެވެ. ރާގަވްއެކޭ އެއްގޮތަށް ޕަރިނީތީއަކީ އެއްވެސް ވަރަކަށް ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހަކަށް ނުވުމުން ސިޔާސީ މައިދާނުގެ ހަލަބޮލި މާޙައުލުގައި ހިނގާ އެއްވެސް މަޢުލޫމާތެއް ބަތަލާއަކަށް ނޭނގެއެވެ.

އެހެންވެ ދެ މީހުން މަސައްކަތް ކުރާ ދާއިރާގައި ހިނގާ އެއްވެސް ކަމަކާ ބެހޭގޮތުން އަމިއްލަ ދިރިއުޅުމުގައި މަޝްވަރާ ނުކުރާ ކަމަށާއި ޒަވާޖީ ޙަޔާތުގެ ދުވަސްތައް އުފާވެރި ކަމާއެކު ގުނަމުން ދިއުމުގެ ސިއްރަކީ އެއީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޕަރިނީތީ ޗޯޕްޅާ ދެބެއިންގެ ދެދަރި ޕްރިޔަންކާ ޗޯޕްޅާ އާއެކު

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭ ހިމެނޭ ޕަރިނީތީ އާއި ލޯބިވެރިޔާ ރާގަވް ޗައްދާގެ ކައިވެނި ކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު އިންޑިއާގެ އުދޭޕޫރުގައެވެ. ފިރިމީހާ ރާގަވް އާއި ޕަރިނީތީ އަކީ އިނގިރޭސިވިލާތުގައި އެކީގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ގާތް ރަޙްމަތްތެރިންނެވެ.

ޕަރިނީތީ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ރިލީޒް ކުރުމުގެ މަރުޙަލާގައި އޮތް ފިލްމު "އަމްރު ސިންގް ޗަމްކީލާ"އިންނެވެ.

comment ކޮމެންޓް