1200 ވަނަ މެޗަށްފަހު ވެސް ރޮނާލްޑޯ ބުނަނީ "އަދި ނުނިމޭ" ކަމަށް

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް ނަސްރަށް ގޯލު ކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ 1200 ވަނަ މެޗަށްފަހު، ސަޕޯޓަރުންނަށް އޭނާ ހާއްސަ މެސެޖެއް ދީފިއެވެ.

ރޮނާލްޑޯގެ 1200 ވަނަ މެޗަށް ވެގެން ގޮސްފައިވަނީ ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް ރިޔާދްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުން އަލް ނަސްރު މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

އަލް ނަސްރުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ 31 ވަނަ މިނެޓުގައި ރޮނާލްޑޯ ލީޑު ހޯދައިދިނީ ސާޑިއޯ މާނޭ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް، އޮޓާވިއޯ ޖެހި ގޯލަކީ ވެސް ރޮނާލްޑޯގެ އެސިސްޓަކުން ޖެހި ގޯލެކެވެ. އަލް ނަސްރުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ޓަލިސްކާއެވެ. އަދި މެޗުގައި އަލް ރިޔާދުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ ގްރޭ އެވެ.

އެ މެޗަށްފަހު އުމުރުން 38 އަހަރުގެ ރޮނާލްޑޯ، އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ 1200 މެޗު ހަމަކުރެވުމުން އެކަމަށް އެހީތެރިކަން ފޯރުކޮށްދިން ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ކެރިއަރުގައި 1200 މެޗު ހަމަކުރެވުނަސް، "އަދި ނުނިމޭ" ކަމަށް އޭނާ ބުންޏެވެ.

ރޮނާލްޑޯ ކުޅުނު 1200 މެޗުގެ ތެރެއިން އޭނާ އެންމެ ގިނަ އަދަދަކަށް މެޗު ކުޅުނީ ރެއާލް މެޑްރިޑުގެ ޖާޒީގައެވެ. އެ ކްލަބަށް 434 މެޗެއް ކުޅުނު އިރު، މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 346 މެޗެއް ކުޅެފައެވެ. އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ވެސް މިހާތަނަށް 205 މެޗު ކުޅެފައެވެ.

އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައި އަދިވެސް ފާހަގަކޮށްލެވެނީ އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝިލްޓަންއެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ. ނަމަވެސް މި ވަގުތު އެކްޓިވްކޮށް ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.

comment ކޮމެންޓް