އައްޑުއަށް ތިން ގަޑިއިރު ތެރޭ ފެން ލިބޭނެ، މައްސަލަ ޖެހުނީ މަރާމާތުތައް ކޮށްފައިނުވާތީ: ފެނަކަ

އައްޑޫ ސިޓީ ހިތަދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީއަށް ފެން ލިބެން ދެން ނަގާނީ ތިން ގަޑިއިރެއްހާއިރު ކަމަށާއި ފެން ކެނޑުމުގެ މައްސަލަ ދިމާވި އެއް ސަބަބަކީ، ތާވަލުކުރެވިގެން ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް މީގެ ކުރިން އިސްކަން ދީފައިނުވާތީ ކަމަށް ފެނަކައިން ބުނެފިއެވެ.

އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްފޭ ފެނަކައިން އެހެން ބުނީ، އެ ސިޓީއަށް ފެން ކެނޑުނުތާ މިހާރު ދެ ދުވަސް ފާއިތުވި ފަހުންނެވެ. އެގޮތުން އައްޑުއިން ފެން ކެނޑިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.

މިކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ފެނަކައިން ވަނީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ގިނަ ވަގުތުތަކަކަށް މެދުކެނޑުމުން އެކަމާ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

އެ ބަޔާނުގައިވާ ގޮތުން، ފެން ކެނޑުމުގެ މައްސަލަ ދިމާވީ މަރާމާތުތައް ނުކުރުމުގެ އިތުރުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފެނުގެ ނިޒާމު އިންސްޕެކްޓުކޮށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ވެސް ދިމާވި މައްސަލައެކެވެ.

ހަމައެއާއެކު ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ކުރާނެކަމުގެ ޔަގީންކަން ކުންފުނީގެ އެންމެހާ ކަސްޓަމަރުންނަށް އަރުވަން،" ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ ޕްލާންޓަކަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައްޑޫސިޓީގެ ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ.

"މި ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކޮށް ޚިދުމަތްދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ކުންފުންޏާމެދު ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު އިޔާދަކޮށްދިނުން،" ފެނަކައިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، ފެން ނުލިބުމުން އައްޑޫގެ ގިނަ މީހުން ބޭނުންކުރަނީ މިނެރަލް ވޯޓާ ގަނެގެންނާއި ވަޅުން ފެން ނަގައިގެން ކަމަށެވެ.

އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފެނާ ނުލާ ރައްޔިތުން އެހާ ގިނަ ވަގުތު އުޅެންޖެހުމުން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.

އައްޑޫއަކީ މާލޭ ސިޓީ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. ޖުމުލަ 12،000 އަށްވުރެ ގިނަ ރައްޔިތުން އައްޑޫގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.

comment ކޮމެންޓް